ބިރުދެއްކުމުގެ އަމަލުތަކުން ނޫސްވެރިން ފަހަތަކަށް ނުޖެއްސޭނެކަމަށް ވެލިދޫ ދާއިރާގެ ކުރީގެ
މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ
ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަފީޤް ވިދާޅުވީ، މިއަދު ފެންނަނީ ރާއްޖޭގެ
މިނިވަން މުއައްސަސާތައް އަޅުވެތިވެފައިވާ މަންޒަރު ކަމަށެވެ. އެގޮތުން މީޑިއާ
ކޮމިޝަނާއި އޭސީސީ ވެސް މިއަދު ފެންނަން އޮތީ އެ މަންޒަރުކަމަށް އޭނާ
ވިދާޅުވިއެވެ.

މީގެ އިތުރުން،
ކޮމިޝަން އުފެދުނު ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ ކޮމިޝަން އޮތީ ސަރުކާރުން
ބުނާހާ ގޮތަކަށް ކަންކަން ނިންމާ ތަނެއްގެ ގޮތުގައިކަމަށްވެސް ޝަފީޤް ވިދާޅުވިއެވެ.

ޝަފީޤް
އިތުރަށް ވިދާޅުވީ، މިނިވަން މުއައްސަސާތަކުގައި ތިއްބެވި ގިނަ މެމްބަރުން ތިބީ މުސާރައަށްޓަކައި
މަސައްކަތް ކުރަން ކަމަށާއި، އަދާކުރާ އެއްވެސް ޒިންމާއެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ،
ކޮމިޝަންތައްވެސް އޮންނަނީ މަޖިލިސް އޮންނަ ގޮތަކަށް އެ ބާރުގައި މަސައްކަތް ކުރާ
ތަނެއްގެ ގޮތުގައި ކަމަށެވެ.

  މިނިވަން މުއައްސަސާތަކުގައި ތިއްބެވި ގިނަ މެމްބަރުން ތިބީ މުސާރައަށް، އަދާކުރާ އެއްވެސް ޒިންމާއެއް ނެތް  

ޝަފީޤް
ވިދާޅުވީ، ނޫސްވެރިންނާމެދު މިއަދު ހިންގަމުންދާ ޖިނާއީ މައްސަލަތަކަކީ ރޭވިގެން
ހިންގަމުންދާ ކަންކަން ކަމަށާއި، އެކަންކަން މިއަދު ރައްޔިތުންނަށްވެސް ނުހަނު
ސާފު ކަމަށެވެ.

ޝަފީޤް
އިތުރަށް ވިދާޅުވީ، ނޫސްވެރިންނާމެދު އެފަދަ ފިޔަވަޅުތައް އެޅިނަމަވެސް،
ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ ކަމަށާއި، ސަރުކާރުން އެ ބޭނުންވާ ކަންކަން ޙާސިލެއް
ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރުން ކުރަމުން އެ ގެންދަނީ ބޭކާރު ކަމެއް
ކަމަށެވެ.