އަދަދު
ނޫހުގެ ނޫސްވެރިން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބުނެ ކޮށްފައިވާ ޙުކުމުގެ އިސްތިއުނާފު
މައްސަލައާއި، އެ ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކޯޓުން ނެރެފައިވާ ގެގް
އޯޑަރ އަމުރުގެ އިސްތިއުނާފުގެ މައްސަލަތައް ރަޖިސްޓްރީ ކޮށްދެއްވައި، ވީ އެންމެ
އަވަސް ފުރުޞަތެއްގެ ތެރޭގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކޮށްދިނުމަށް
ހައިކޯޓުގައި އެދިއްޖެއެވެ.

މި
މައްސަލަތައް އިސްތިއުނާފުކުރާ ފަރާތްތަކުގެ ޤާނޫނީ ވަކީލު ޙަސަން ފަލާހު ވަނީ ދިވެހިރާއްޖޭގެ
ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޖަމީލު މޫސާ އަށް އެޑްރެސް
ކުރައްވައި ސިޓީއެއް ހުށަހަޅާފައެވެ.

ސިޓީގައި
ބުނެފައިވަނީ، މި މައްސަލަތަކަށް ބަލާއިރު، މިއީ ގައުމީ މަޞްލަހަތާ ގުޅުންހުރި
މައްސަލަތަކެއް ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގެގް އޯޑަރ އަމުރުގެ އިސްތިއުނާފަކީ،
މުޅި ދިވެހިރައްޔިތުންގެ މައްޗަށް ނެރުއްވާފައިވާ އަމުރެއްގެ އިސްތިއުނާފެއްކަން ވަނީ
ފާހަގަކޮށްފައެވެ. އަދި އެއަމުރާ ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ފަރާތްތަކެއް
ޚިލާފުވަމުންދަނީ، އަމުރާ ޚިލާފުވުމުގެ ނިޔަތުގައެއް ނޫންކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން،
ކޯޓުގެ އަމުރުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލަނބަންވާނެކަން ބަޔާންކޮށް ސިޓީގައި
އިތުރަށް ބުނެފައިވަނީ، އެއަމުރަކަށް ބޯލެނބުމަކީ، ކުރެވޭނެކަމެއް ކަމަށްނުވާނަމަ،
އޮންނާނީ ތަންފީޒުނުކުރެވޭނެ ބޭކާރު އަމުރެއް ކޯޓުން ނެރެވިފައި ކަމަށެވެ.

  މިސާލަކަށް އައިޝާއަކީ ވަކި ފަރާތެއްގެ މިލްކެއްކަމަށާއި، އެފަރާތް ފިޔަވައި އެހެން އެއްވެސް ފަރާތަކުން މީގެ ފަހުން އައިޝާއާ ވާހަކަ ދައްކައިގެން ނުވާނެކަމަށް ބުނެ ކޯޓުން އަމުރެއް ކުރިޔަސް އެއަމުރަށް ތަބާވެވޭނެ ގޮތެއް ނުއޮންނާނެވެ.
އިސްތިއުނާފުކުރާ ފަރާތްތަކުގެ ޤާނޫނީ ވަކީލު ޙަސަން ފަލާހު

ސިޓީގައި
ފާހަގަކޮށްފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ އަމުރު ތަންފީޒުކުރުމުގެ ގޮތުން،
މިހާތަނަށް ކުރެވުނު ކަމަކީ،  އެންމެ 02 ފަރާތަކުން ކޯޓު
އަމުރާ ޚިލާފުވިކަމަށް ކަނޑައެޅުއްވުމެވެ. އެގޮތުން އަދަދުގެ ލީވާން އަލީ ނަޞީރު ކޯޓުގެ
އަމުރާ ޚިލާފުވިކަމަށް ކަނޑައަޅާފައިވީނަމަވެސް، އަދަދު ނޫހުގައި އަމުރުގެ ވާހަކަ
ރިޕޯޓްކުރުމުގެ ކުރީގައި އަދި އޭގެ ފަހުންވެސް ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ
އެންމެހައި މީޑިއާތަކުން ކްރިމިނަލް ކޯޓުގެ އަމުރުގެ ވާހަކަ ގެނެސްދީފައިވާކަމަށް
ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ފަރާތެއްގެ މައްޗަށް ކޯޓު
އަމުރު ތަންފީޒުކޮށްފައި ނުވާކަންވެސް ވަނީ ބަޔާންކޮށްފައެވެ.

ކްރިމިނަލް
ކޯޓުން އެ އަމުރު ނެރުނީ 10 މެއި 2026 ގައެވެ. އަމުރު ނެރުނުފަހުން، ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގައި 11 މެއި 2026 ގައި އޮތް ޕްރެސް ކޮންފަރެންސްގައި، ރޭގަނޑުގެ ދަން
ވަގުތުތަކުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަންހެން މުވައްޒަފަކަށް
ގުޅާފައިވަނީ ކީއްވެގެންތޯއާއި، ގުޅާފައިވަނީ ކޮން ބޭނުމެއްގައިތޯ އަދަދު ނޫހުގެ
ނޫސްވެރިޔާ މުޙައްމަދު ޝަހުޛާން ސުވާލުކުރުމުން، ޝަހުޛާން ކޯޓު އަމުރާ
ޚިލާފުވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވިއެވެ. އަދި 12 މެއި 2026
ގައި ކްރިމިނަލް ކޯޓަށް ހާޟިރުވުމަށް ލީވާންއަށް އެންގެވި ގޮތަށް ޝަހުޛާންއަށްވެސް
ކްރިމިނަލް ކޯޓަށް ހާޟިރުވުމަށް އެންގެވިއެވެ. އަދި އެދުވަހު ޝަހުޛާން
ހާޟިރުވުމުން ކޯޓުއަމުރާ ޚިލާފުވެއްޖެކަމަށް ކަނޑައަޅުއްވައި، ހަމަ އެދުވަހު
ކޯޓުން ކުރެއްވި ޙުކުމް، ދިވެހިރާއްޖޭގެ ހައިކޯޓަށް މިހާރު ވަނީ
އިސްތިއުނާފުކުރުމަށް ހުށަހަޅާފައެވެ.

އޭގެ
ފަހުން، ޝަހުޛާން ކުރި ސުވާލު ހަމަ އެގޮތަށް ދިވެހިރައްޔިތުންގެ ތެރެއިން ގިނަ
ފަރާތްތަކަކުން ސޯޝަލް މީޑިއާގައި އަދި އެހެނިހެން ނޫސްތަކުގައިވެސް ކޮށްފައިވާކަން
ސިޓީގައި ފާހަގަކޮށްފައިވެއެވެ.

ޤާނޫނުއަސާސީގެ
17 ވަނަ މާއްދާގައި ތަފާތުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާއިރު
ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ޤާނޫނު ހިންގުމުގައި އެންމެން ހަމަހަމަ
ވާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމުގެ މައްޗަށްވެސް ސިޓީގައި ވަނީ
އަލިއަޅުވާލާފައެވެ.

މީގެ
އިތުރުން، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ އަދުލުވެރިކަމާއެކު، ޝަރީޢަތް
ކުރުމުގެ ޙައްޤަށްވެސް އުނިކަން އަންނަ ގޮތަށް މި މައްސަލައިގައި ކަން
ހިނގާފައިވާކަމަށް މި ސިޓީގައި ބުނެފައިވެއެވެ. އަދި ކޯޓުން ބޭރުގައި ހިނގާ
ކަންކަމާ ގުޅިގެން، ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބިދީފައިނުވާކަންވެސް
ބަޔާންކޮށްފައިވެއެވެ.

ކޯޓުތަކުގެ
ޤާނޫނުގައި"ދިވެހިރާއްޖޭގެ އެއްވެސް ކޯޓަކުން، އެ ކޯޓުގެ އަމިއްލަ
އިސްނެގުމުގައި މައްސަލަ ހިންގައި، ނިންމުމެއް ނިންމައިގެންނުވާނެއެވެ."
މިފަދައިން ބަޔާކޮށްފައިވާއިރު، ކޯޓަށް ވަގުތުން އަދަބު ކަނޑައެޅުމުގެ ބާރު
ލިބެނީ، ކޯޓުތަކުގެ ޤާނޫނުގެ 76 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ޝަރީޢަތުގެ
މަޖިލިސް ހިނގަމުންދަނިކޮށް ކޯޓުގެ އިޒުނައެއް ނެތި ޝަރީޢަތުގެ މަޖިލީހުން ނުކުމެ،
ނުވަތަ މަޖިލީހުގެ ނިޒާމާ ޚިލާފުވާފަދަ ޢަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ
ޝަރީޢަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ،" އެވެ.

މި
މައްސަލަތަކަކީ ޝަރުޢީ ނިޒާމާމެދު މީހުންގެ މެދުގައި އޮންނަންޖެހޭ އިތުބާރު
ހަރުދަނާ ކުރުމަށް، އަވަސް ގޮތެއްގައި ހިންގައި ފައިޞަލާކުރަންޖެހޭ ބާވަތުގެ
މައްސަލައްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން
އިސްތިއުނާފުކުރެވިފައި މި ވާ މައްސަލަތަކުގެ ރަޖިސްޓްރޭޝަން މަރުޙަލާ އަވަސް
ކޮށްދެއްވައި، މައްސަލަތައް ރަޖިސްޓްރީ ކޮށްދެއްވައި، ވީ އެންމެ އަވަސް
ފުރުޞަތެއްގެ ތެރޭގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކުރެވޭނެ
އިންތިޒާމު ހަމަޖައްސަވައި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މައްސަލައިގައި
ފައިޞަލާކުރެވޭނެ އުޞޫލަކުން ޝަރީޢަތުގެ އަޑުއެހުންތައް ތާވަލުކޮށްދެއްވުމަށް ވަނީ
އެދިފައެވެ. އަދި ކުރިއަށް އޮތް ހަފްތާ ނިމުމަށް ފަހު އޮތީ އީދު
ބަންދުކަމަށްވުމާއެކު، އޭގެ ފަހުން މައްސަލަ ނިމުންވެގެންދާނީ، މި
މައްސަލަތަކުގައި އަދުލު އިންސާފު ގެއްލުން ކަމަށް ސިފަކުރެވޭތީ، އެކަމަށް ވެސް
ރިއާޔަތްކޮށްދެއްވުމަށް އެދިފައިވެއެވެ.