އަންހެން ކުއްޖަކު ބްލެކްމެއިލް ކުރުމަށްޓަކައި އެ ކުއްޖާގެ ފޮޓޯ އާއި ވީޑިއޯ ހޯދައިދިނުމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެދިވަޑައިގެންނެވި ކަމަށް ބުނެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

އައްބާސް މި ތުހުމަތު ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް، އެ މެންބަރު އަންހެން ކުއްޖަކު ބްލެކްމެއިލް ކުރަން ބޮޑު ރޭވުމެއް ރޭވި ކަމަށް ވިދާޅުވަމުންނެވެ.

އައްބާސް ވިދާޅުވި ގޮތުގައި މިދިޔަ ރަމަޟާން މަހުގެ ތެރޭގައި ޕީއެންސީގެ އެ މެންބަރު އޭނާއަށް ގުޅުއްވައި، ވަކި އަންހެން ކުއްޖަކު ދިރިއުޅޭ އެޕާޓްމަންޓް ބިލްޑިންގާއި އެ ކުއްޖާ އުޅޭ ފްލޯ އެނގޭތޯ ސުވާލު ކުރެއްވި އެވެ. އެ ސުވާލާ ގުޅިގެން އެއީ ކޮން ބޭނުމަކު އަދި ކާކު ބުނެގެން ބަލާ ބެލުމެއްތޯ ސުވާލު ކުރުމުން، އެ މެންބަރު ވިދާޅުވީ އެއީ އޭނާގެ އަނބިމީހާ ބުނެގެން ބަލާލި ކަމެއް ކަމަށް އައްބާސް ހާމަކުރެއްވި އެވެ.

މީގެ އިތުރުން، އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރުމަށްޓަކައި ބޭނުންވާނެ ފޮޓޯ ނުވަތަ ވީޑިއޯ އެއް ހޯދައިދިނުމަށް އެ މެންބަރު އެދިވަޑައިގެންނެވި ކަމަށް އައްބާސް ވިދާޅުވި އެވެ. އަދި އެކަމަށް ބޭނުންވާނެ ފަންޑާއި، ބޭނުންވާނެ ހުރިހާ އާލާތްތަކެއް (އިކުއިޕްމަންޓް) ވެސް ފޯރުކޮށްދޭނެ ކަމަށް އެ މެންބަރު ވިދާޅުވި ކަމަށް އައްބާސްގެ ޕޯސްޓުގައި ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް، އެފަދަ ނާތަހުޒީބު ކަމެއް އޭނާ ނުކުރާނެ ކަމަށް ބުނެ އެކަމަށް އިންކާރު ކުރެއްވި ކަމަށް އައްބާސް ވިދާޅުވި އެވެ. އައްބާސް ވިދާޅުވީ އެ މެންބަރާއެކު މި ފޯނު ކޯލް ކުރިއަށްދިޔައިރު، އޭނާގެ އަނބިމީހާވެސް ކައިރީގައި އިން ކަމަށެވެ. އަދި އެމީހުން ކުރަން އުޅުނު މުޑުދާރު ކަންތައްތަކުން ސަލާމަތްވުމަށް ނުވަތަ ކަންކަން ސިއްރު ކުރުމުގެ ގޮތުން، އެ އަންހެން ކުއްޖާ ބްލެކްމެއިލް ކުރަން އުޅޭކަން ވަގުތުން އެ ކުއްޖާ އަށް ގުޅައި ކިޔައިދީފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.