ބުރާސްފަތި ދުވަހު ވ. އަތޮޅުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ޕްރޮފެސަރ މޮނިކާ މޮންޓެފަލްކޯނޭ އަކީ އޭނާގެ މުޅި ހަޔާތް ކަނޑުގެ ދިރާސާތައް ކުރުމަށް ހޭދަކުރި ފަރާތެކެވެ. ކަނޑުގެ ދިރުންތަކާ ބެހޭ ދިރާސާތަކަށާއި އެ ތަކެތި ރައްކާތެރިކުރުމަށް ކުރި މަސައްކަތުގެ އަގުވަޒަންކޮށް 2022 ވަނަ އަހަރު "އެޓްލާންޓައިޑް ޕްރައިޒް" ލިބުމާ ގުޅިގެން މޮނިކާ ބުނެފައިވަނީ، އޭނާގެ މުޅި ހަޔާތް ހޭދަކުރީ ކަނޑުގެ އަޑީގައިވާ އަޖައިބުތައް ހޯދައި ދިރާސާކުރުމަށް ކަމަށެވެ.

ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ، ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައިވާ މެރިން ބަޔޮލޮޖިސްޓެކެވެ. އޭނާއަކީ ޓީވީ ޕްރޮގްރާމްތަކުން ފެންނަ އަދި މީގެ ކުރިން "ސްކައި ޓީޖީ24" އަށް އިންޓަވިއުވެސް ދީފައިވާ މަޝްހޫރު ފަރާތެކެވެ.

އިޓަލީގެ ޑައިވަރުންތަކެއް ރާއްޖޭގައި މަރުވާ ގުޅިގެން އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ވ. އަތޮޅުގެ ކަނޑުއަޑީގައި ހުރި ހޮހަޅަތަކެއް ބަލައި ދިރާސާކުރުމަށް ގާތްގަނޑަކަށް 50 މީޓަރު (165 ފޫޓު) އަޑިއަށް ފޭބި ފަސް މީހުންގެ ގްރޫޕެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެއްލިފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ވަނަވަރާއި، ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފުސީލެއް އެ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މަރުވި ފަސް މީހުންނަކީ ވެސް އިޓަލީގެ ރައްޔިތުން ކަމަށާއި، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ޔުނިވާސިޓީ އޮފް ޖެނޯއާއިން ވަނީ މަރުވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ނަން ހާމަކޮށްފައެވެ. އެއީ އެ ޔުނިވާސިޓީގެ ޕްރޮފެސަރ އޮފް އިކޮލޮޖީ މޮނިކާ މޮންޓެފަލްކޯނޭ އާއި، އޭނާގެ ދަރިފުޅު އަދި އެ ޔުނިވާސިޓީގެ ދަރިވަރު ޖިއޯޖިއާ ސޮމަކާލް އާއި، ރިސާޗް ފެލޯ މިއުރިއަލް އޮޑެނީނޯގެ އިތުރުން މެރިން ބަޔޮލޮޖީން ދަސްވެނިވެފައިވާ ފެޑެރީކޯ ގުއަލްޓިއޭރީ އެވެ.

އެ ޔުނިވާސިޓީގެ ވެބްސައިޓުގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުންނާއި ދަރިވަރުންނަށް މުޅި ޔުނިވާސިޓީގެ ފަރާތުން އިޚްލާޞްތެރި ތައުޒިޔާ ފޮނުވާ ކަމަށެވެ.

މި ހާދިސާގައި މަރުވި ފަސްވަނަ މީހަކީ ބޯޓުގައި އޮޕަރޭޝަންސް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރާ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ޖިއަންލޫކާ ބެނެޑެޓީ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މޮނިކާ މޮންޓެފަލްކޯނޭގެ ފިރިމީހާ ކާލޯ ސޮމަކާލް އިޓަލީގެ "ލަ ރިޕަބްލިކާ" ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ އަނބިމީހާ އަކީ 5،000 އަށްވުރެ ގިނަ ޑައިވް ކޮށްފައިވާ "ޑައިވް ކުރުމަށް ފަރިތަ ތަޖުރިބާކާރެއް" ކަމަށެވެ. އަދި ދަތި އުނދަގޫ ހާލަތްތަކުގައި ކަންކުރަންވީ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށްވެސް ކާލޯ ބުންޏެވެ.

ކާލޯ އިތުރަށް ބުނި ގޮތުގައި، ޑައިވިން އިންސްޓްރަކްޓަރު ބެނެޑެޓީއަކީ ވެސް ކަންކަމަށް ވަރަށް ފަރުވާތެރި މީހެކެވެ. އޭނާ ބުނި ގޮތުގައި ބެނެޑެޓީއަކީ ޑައިވް ކުރުމުގެ ކުރިން އޮކްސިޖަން ޓޭންކުތަކާއި މޫސުމީ ހާލަތްތައް ވަރަށް ބޮޑަށް ޗެކްކުރާ، ކަމަށް ކަމޭހިތާ މީހެކެވެ.

ކާލޯ ބުނީ އޭނާއާއި އޭނާގެ ދަރިފުޅު މެޓިއޯއަށްޓަކައި، އަނބިމީހާ އާއި އަންހެން ދަރިފުޅުގެ ހަށިގަނޑު ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި މޮނިކާ އާންމުކޮށް ޑައިވް ކުރާއިރު "ގޯޕްރޯ" ކެމެރާއެއް ގެންގުޅޭ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"އެ ދުވަހު އޭނާ ކެމެރާ ގެންގުޅުނު ކަމެއް އަހަންނަކަށް ނޭނގޭ. އެކަމަކު އެ ކެމެރާ ފެނިއްޖެނަމަ، އެ ދުވަހު ހިނގީ ކީއްކަން ދެނެގަނެވިދާނެ،" ކާލޯ ބުންޏެވެ.

މި ޑައިވަރުން ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 ހާއިރު، އެމީހުން ދަތުރުކުރި ޑައިވިން ބޯޓުގެ ފަޅުވެރިންނެވެ. އެއީ ޑައިވް ނިންމުމަށްފަހު އެމީހުން މައްޗަށް ނޭރުމުންނެވެ.

ހާދިސާ ހިނގި ވަގުތަކީ މޫސުން ގޯސްވެ، ރާއްޖެއަށް ރީނދޫ ސަމާލު ނެރެފައިވާ ވަގުތެކެވެ.

މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ކޯސްޓްގާޑުން ގުޅިގެން ވަނީ ފުޅާ ދާއިރާއެއްގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފަށާފައެވެ. މި މަސައްކަތުގައި ކަނޑު އުޅަނދުފަހަރާއި، ވައިގެ އުޅަނދުތަކުގެ އިތުރުން ޑައިވިން ޓީމުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދެއެވެ.

އިޓަލީގެ ނިއުސް އެޖެންސީ "އަންސާ" އަށް އެމްއެންޑީއެފުން ދިން ބަޔާނެއްގައި ބުނެފައިވަނީ، ވ. އަތޮޅަށް ޑައިވް ކުރި ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށެވެ.

"އެ މީހާގެ ހަށިގަނޑު ފެނުނީ ހޮހަޅައެއްގެ ތެރެއިން. ބެލެވޭ ގޮތުގައި އަނެއް ހަތަރު ޑައިވަރުން ވެސް ތިބީ ގާތްގަނޑަކަށް 60 މީޓަރު އަޑިއަށް ހުރި އެ ހޮހަޅައިގެ ތެރޭގައި،" އެމްއެންޑީއެފުން ބުނެފައިވެއެވެ.

އިޓަލީގެ ފޮރިން މިނިސްޓްރީން އިތުރަށް ބުނީ، މަރުވި މީހުންގެ އާއިލާތަކާ ގުޅައި ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާގައި ހުންނަ އިޓަލީގެ އެމްބަސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.