ކޮރަޕްޝަން ހިންގާ ފަރާތެއް ޖަވާބުދާރީ ކުރުވަން ކެރޭނެ ކަމަށް ކުރީގެ ތިން ރައީސުން ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ތަރައްގީއަށް އޮތް ހުރަހެއް ކަމަށާއި، މިކަމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަޅުގަނޑު ދެކޭގޮތުގައި ރައީސް މުއިއްޒަށް ޖެހިވަޑައިގަންނަވާނީ އަޑުއައްސަވަން. ދެން އިރާދަކުރެއްވިއްޔާ އެ މަގަށް އަޅުގަނޑުމެންގެ މަސައްކަތް ގެންދާނަން. ކޮރަޕްޝަނަކީ ތަރައްގީއަށް އޮތް ހުރަހެއް. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުމުގައި އަދި އަޅުގަނޑުމެން އެބަ ދައްކަން ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކެއް ވެސް ހުރި ކަމަށާއި، އެހެންވެސް އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އެ މަޝްވަރާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަމަށް ވެސް ނަޒަރު ގެންދެވޭނެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކޮރަޕްޝަންގެ މައްސަލައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، އެއްވެސް ޒަމާނެއްގައި ކޮރަޕްޝަން ފްރީ ސަރުކާރެއް ނުހިނގާ ކަމަށެވެ. ނަމަވެސް ކޮރަޕްޝަން ހިންގާކަން އެނގިހުރެ އެކަން ޓޮލަރޭޓް ނުކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. 

މިއީ ކޮރަޕްޝަންގެ ވާހަކަ ދެއްތޯ؟ އަޅުގަނޑުމެން ހުރިހާ އެންމެން ވެސް ދައްކާ ވާހަކައެއް. އެކަމަކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އެއްވެސް ޒަމާނެއްގައި، އެއްވެސް ގައުމެއްގައި، އެއްވެސް އިރެއްގައި ކޮރަޕްޝަން ފްރީ ސަރުކާރެއް ނުހިނގޭތޯ. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރެވޭނީ، އަޅުގަނޑުމެން ތިން ރައީސުން ދޭނެ ޖަވާބަކީ، އަޅުގަނޑުމެން ކޮރަޕްޝަން ޓޮލެލޭޓްކުރާނޭ. އަޅުގަނޑަށް ހީވަނީ، ރައީސް ނަޝީދުގެ ވާހަކަފުޅުގެ މަތުލަބަކީ އަޅުގަނޑުމެން ކޮރަޕްޝަނެއް، އަޅުގަނޑުމެންނަށް އެނގިގެން، ޓޮލަރޭޓެއް ނުކުރާނަމޭ. ކޮރަޕްޝަން ހިންގާ ފަރާތެއް ތަހުގީގުކޮށް، ޖަވާބުދާރީކުރުވުމަށް އަޅުގަނޑުމެންނަށް ކެރޭނޭ އިނގޭތޯ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން 

މީގެ އިތުރުން ކުރީގެ މި ތިން ރައީސުން ވެސް ވަނީ ގައުމުގެ ހަލާތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ވިދާޅުވީ މިހާރުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، ރައީސް މުއިއްޒު މިކަންބޮޑުވުންތަކުގެ އަޑު އައްސަވައި ހައްލު ހޯއްދަވައި ދެއްވަން ޖެހޭ ކަމަށެވެ.