މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގައި ހިނގި ޑައިވިން ހާދިސާއެއްގައި މަރުވި މެރިން ބަޔޮލޮޖިސްޓްގެ ފިރިމީހާ ބުނި ގޮތުގައި، އޭނާގެ އަނބިމީހާ އަކީ ދުނިޔޭގެ އެންމެ މޮޅު ފީނުންތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ.

ބުރާސްފަތި ދުވަހު ކަނޑުއަޑީގެ ހޮހަޅައެއް ބަލައިލުމަށް ކުރި ޑައިވެއްގައި އިޓަލީގެ ފަސް މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ގްރޫޕުން ފީނާފައިވަނީ ވެރިރަށް މާލެއާ ގާތްގަނޑަކަށް 64 ކިލޯމީޓަރު (40 މޭލު) ދުރުގައި އޮންނަ ވ. އަތޮޅުގެ 50 އާއި 60 މީޓަރާ ދެމެދުގެ ފުން މިނެއްގައި ހުރި ހޮހަޅަތަކެއް ބަލައިލުމަށެވެ.

މި މީހުން މައްޗަށް ނޭރި ހަބަރެއް ނުވުމުން، އެ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްކުރިއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޓީވީ ޝަހުސިއްޔަތެއްގެ އިތުރުން، ޔުނިވަރސިޓީ އޮފް ޖެނޯއާގެ ޓްރޮޕިކަލް މެރިން އިކޮލޮޖީ އެންޑް އަންޑަރވޯޓަރ ސައިންސްގެ ޕްރޮފެސަރެއް ކަމަށްވާ އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން ހިމެނެއެވެ. މީގެ އިތުރުން އޭނާގެ 22 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް ވެސް ވަނީ މި ހާދިސާގައި މަރުވެފައެވެ. މޮނިކާގެ ފިރިމީހާ އަދި ޖިއޯޖިއާގެ ބައްޕަ ކާލޯ ސޮމަކާލް މި ހިތާމަވެެރި ހާދިސާ އާ ގުޅިގެން ބުނީ، އޭނާގެ އަނބިމީހާ އަކީ ދުނިޔޭގައި ތިބި އެންމެ މޮޅު ފީނުންތެރިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށާއި، އެއްވެސް މީހެއްގެ ފުރާނަ ނުރައްކަލުގެ ތެރެއަށް އޭނާ ހުށަނާޅާނެ ކަމަށެވެ. ހުކުރު ދުވަހު "ލާ ރިޕަބްލިކާ" ނޫހަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، އޭނާގެ އަންހެން ދަރިފުޅުގެ ފުރާނަ ނުވަތަ އެހެން މީހެއްގެ ފުރާނަ ވެސް އޭނާ ނުރައްކަލަށް ހުށަނާޅާނެ ކަމަށާއި، ކަނޑުއަޑީގައި ކޮންމެވެސް ކަމެއް ދިމާވީ ކަމަށެވެ.

"ފަހަރެއްގައި އެއިން މީހަކަށް މައްސަލައެއް ދިމާވީ ކަމަށް ވެދާނެ، ނޫނީ އޮކްސިޖަން ޓޭންކަށް މައްސަލައެއް ދިމާވީ ކަމަށް ވެދާނެ، އަހަންނަކަށް ނޭނގޭ،" އޭނާ ބުންޏެވެ.

މީގެ އިތުރުން، ހަވަނަ މީހަކު ވެސް މި ޑައިވް ގައި ބައިވެރިވާން އޮތް ނަމަވެސް، އެންމެ ފަހު ވަގުތު އޭނާ މޫދަށް ނުފައިބަން ނިންމިކަން ވަނީ ހާމަވެފައެވެ. ނަމަވެސް އޭނާ ޑައިވިން އަށް ނުދާން ނިންމި ސަބަބެއް ސާފުނުވާ ކަމަށް "ލާ ރިޕަބްލިކާ" އިން ރިޕޯޓްކުރެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މި ގްރޫޕަކީ ބޮޑު ޑައިވިން ދަތުރެއްގެ ބައެކެވެ. އެ މީހުން ފީނަން މަސައްކަތް ކުރީ އޮއިގަދަ އަދި ކަނޑުއަޑީގެ އުނދަގޫ މަގުތަކެއް ހުންނަ ހޮހަޅަތަކަކަށެވެ. މި ދަތުރުގައި ބޭނުންކުރި ސަފާރީގައި ވިއްސަކަށް މީހުން ތިބި ކަމަށް ބެލެވެއެވެ.

މި ހާދިސާ ހިނގުމާއެކު ސަލާމަތްކުރާ ފަރާތްތަކުން ވަނީ އަލިމަތާ ކައިރީގައި އޮންނަ ޑައިވިން ސަރަހައްދަށް ގޮސްފައެވެ. އަދި ކަނޑުއަޑީގެ ހޮހަޅައެއްގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު އަދިވެސް އޮތީ އެ ހޮހަޅައިގެ ތެރޭގައި ކަމަށް ބެލެވެއެވެ.

ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، އެ ހޮހަޅައަކީ އެންމެ ފެންވަރު ރަނގަޅު ސާމާނު ބޭނުންކުރާ ފީނުންތެރިން ވެސް ކައިރިވާން ނުކެރޭހާ ފުން ތަނެއް ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އޭނާ ވިދާޅުވީ، ހުއްދަ ދެވިފައިވާ ފުންމިނަށްވުރެ އިތުރަށް މި ފީނުންތެރިން ފީނި ގޮތުގެ ވަކި ތަހުގީގެއް ހިންގާނެ ކަމަށާއި، ނަމަވެސް މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މީހުން ހޯދުމުގެ މަސައްކަތަށް ކަމަށެވެ. ދިވެހި ސިފައިންގެ ކޯސްޓްގާޑުން ވަނީ ހާއްސަ ފީނުންތެރިންނާއި، އުޅަނދުފަހަރާއި، ވައިގެ މަގުން އެހީތެރިކަމާ އެކު މީހުން ހޯދުމުގެ "ނުރައްކާތެރި" އޮޕަރޭޝަނެއް ފަށާފައެވެ. ނަމަވެސް އެ ސަރަހައްދުގެ މޫސުން ގޯސްވުމާއި، ބާރަށް ވައިޖެހުމުގެ އިތުރުން ރީނދުލުގެ ސަމާލު ނެރެފައި އޮތުމުން، މަސައްކަތްތަކަށް ވަނީ ހީކުރި ވަރަށް ވުރެ ބޮޑަށް ހުރަސްތަކާ ކުރިމަތިވެފައެވެ.

މި ހާދިސާގައި މަރުވި މީހުންނަކީ މޮނިކާ އާއި އޭނާގެ އަންހެން ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ އިތުރުން، ރިސާޗަރ މުރިއަލް އޮޑެނީނޯ އާއި، މެރިން ސައިންޓިސްޓް ފެޑެރިކޯ ގުއަލްޓިއޭރީ އަދި ޑައިވް އޮޕަރޭޓަރ ޖިއަންލޫކާ ބެނެޑެޓީ އެވެ.