ވ އަތޮޅުގައި ސްކޫބާ ޑައިވިންއަށް ގޮސް އުޅުނު އިޓަލީގެ ފަތުރުވެރިންގެ ގްރޫޕަކަށް ދިމާވި ނުރައްކާތެރި ހާދިސާއެއްގައި، އެ ގްރޫޕުގައި ހިމެނޭ އެކަކު މަރުން ސަލާމަތްވީ ފަހު ވަގުތު ޑައިވިން އަށް ނުގޮސް އުޅަނދުގައި މަޑު ކުރަން ނިންމުމުން ކަމަށް އިޓަލީގެ ނޫހަކުން ރިޕޯޓު ކޮށްފި އެވެ. ބުރާސްފަތި ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ޑައިވިން އަށް އުޅަނދުން ފޭބި އަނެއް ފަސް މީހުން ވަނީ މަރުވެފައެވެ.

ޖެނޯއާ ޔުނިވަރސިޓީގައި ތައުލީމު ހާސިލުކުރަމުންދާ މި ދަރިވަރަކީ، ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައެއް ބަލާލުމަށް 160 ފޫޓު އަޑިއަށް ފޭބި ގްރޫޕުގައި ހިމެނޭ ހަވަނަ މީހާއެވެ. ނަމަވެސް، އެހެން މީހުން މޫދަށް ފޭބިއިރު އޭނާ މޫދަކަށް ނުފައިބައެވެ.

އަލިމަތާ ރިސޯޓު ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައެއް ބަލާލުމަށް އެ ގްރޫޕުގެ އެހެން މީހުން ދިޔައިރު، "ޑިއުކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީގައި އޭނާ މަޑުކުރި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ނަން ހާމަކޮށްފައިނުވާ މި ދަރިވަރު ހުރީ ޑައިވިންއަށް ދިއުމަށް ހުރިހާ ސާމާނެއް އަޅައިގެން ތައްޔާރުވެގެންނެވެ. ނަމަވެސް، ފަހު ވަގުތު އޭނާގެ ނިންމުން ބަދަލުކޮށް ސަފާރީގައި މަޑުކުރީއެވެ.

އެ ދުވަހުގެ ހާދިސާއިން ސީދާ ސަލާމަތްވި ހަމައެކަނި މީހަކީ އޭނާ ކަމަށްވާއިރު، މި ހާދިސާ ހިނގުމުގެ ކުރިން ކަންތައްވީ ގޮތް އޮޅުންފިލުވުމަށް އޭނާއަކީ މުހިންމު ހެއްކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، ބުރާސްފަތި ދުވަހު އެ ސަފާރީގައި ފަޅުވެރިން ނޫން 24 ވަރަކަށް މީހުން ތިބި ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ޑައިވިން ދަތުރުގައި ގެއްލިފައިވަނީ ޖެނޯއާ ޔުނިވަރސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް އެވެ.

މި ހާދިސާއިން ސަލާމަތްވި ޒުވާން އަންހެން ކުއްޖާ ހުކުރު ދުވަހު އެނބުރި ގައުމަށް ދިއުމަށް ފުރާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ދަތުރުގައި ބައިވެރިވި އިތުރު ތިން މީހުން ކަމަށްވާ ޓިއުރިންގެ މުރިއަލް އޮޑެނީނޯ އާއި، ޕަޑުއާގެ ޖިއަންލޫކާ ބެނެޑެޓީގެ އިތުރުން ބޯގޮމަނޭރޯގެ ފެޑެރިކޯ ގުއަލްޓިއޭރީ ވެސް ޑައިވިންއަށް ފޭބި ގޮތަށް މައްޗަށް އަރާފައެއް ނުވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ހުކުރު ދުވަހު މީހުން ހޯދުމުގެ މަސައްކަތް މެދުކަނޑާލި ނަމަވެސް އަލުން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މި ފަސް ޑައިވަރުން މަރުވާން ދިމާވި ސަބަބުތަކުގެ ތެރޭގައި "އޮކްސިޖަން ޓޮކްސިސިޓީ" ނުވަތަ އޮކްސިޖަން ވިހަވުމާއި، ކުއްލިއަކަށް ބިރުގަނެ ހާސްވުން (ޕެނިކްވުން) ހިމެނިދާނެ ކަމަށް މާހިރުން ބުނެއެވެ.

އިޓަލީގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ފުއްޕާމޭގެ ބަލިތަކާ ބެހޭ ޑޮކްޓަރު ކްލައުޑިއޯ މިކެލެޓޯ ބުރާސްފަތި ދުވަހު ވިދާޅުވީ، ޑައިވިން ޓޭންކްތަކަށް މައްސަލައެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ވެރޯނާ ޔުނިވަރސިޓީ ހޮސްޕިޓަލުގެ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާ މިކެލެޓޯ އިތުރަށް ވިދާޅުވީ، އޮކްސިޖަން ވިހަވުމުގެ ސަބަބުން މަރުވުމަކީ ޑައިވިންގެ ތެރޭގައި ދިމާވާނެ އެންމެ ބިރުވެރި އަދި ހިތާމަވެރި މަރު ކަމަށެވެ.

އިޓަލީގެ ސޮސައިޓީ އޮފް އަންޑަރވޯޓަރ އެންޑް ހައިޕަރބަރިކް މެޑިސިންގެ ރައީސް އަލްފޮންސޯ ބޮލޮގްނީނީ ވިދާޅުވި ގޮތުގައި، މި ހާދިސާގައި މީހުން ހާސްވުން ނުވަތަ "ޕެނިކްވުން" ވެސް ދައުރެއް އަދާކޮށްފައި އޮވެދާނެއެވެ.

އޭނާ ވިދާޅުވީ 50 މީޓަރު އަޑީގައި ހުންނަ ހޮހަޅައެއްގެ ތެރޭގައި އުޅޭއިރު، އެންމެ ޑައިވަރަކަށް މައްސަލައެއް ދިމާވިޔަސް ނުވަތަ ބިރުގަނެ ހާސްވިޔަސް މުޅި މަސްރަހު ބަދަލުވެގެންދާނެ ކަމަށެވެ.

ނަމަވެސް، ކަނޑުގެ އަޑީގައި ސީދާ ހިނގީ ކޮންކަމެއްކަން މިވަގުތު ބުނަން ދަތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.