ވ. އަތޮޅުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް ހަތަރު ޑައިވަރުން ގެއްލި، އެކަކު މަރުވި ހާދިސާއާ ގުޅިގެން އެ މީހުން ޑައިވިން އަށް ގެންދިޔަ "އެމްވީ ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ލަގްޒަރީ ސަފާރީގެ އޮޕަރޭޓިން ލައިސަންސް މުއްދަތެއް ނެތް ގޮތަށް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑު ކޮށްފި އެވެ.
މި ފިޔަވަޅު އެޅީ ހާދިސާގެ ސީރިއަސް ކަމަށް ބަލައި، އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ. މިނިސްޓްރީން އިތުރަށް ބުނީ ފަތުރުވެރިކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި އިޓަލީ އަށް ނިސްބަތްވާ ފަސް ޑައިވަރުން ގެއްލިފައިވާއިރު، މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ. އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި ހުރި ހޮހަޅައެއްގެ ތެރެއިން ކަމަަށް އެމްއެންޑީއެފް އިން ވަނީ ހާމަ ކޮށްފަ އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، ހަށިގަނޑު ފެނުނު ހޮހަޅައަކީ ގާތްގަނޑަކަށް 200 ފޫޓުގެ ދިގުމިން ހުރި ތަނެކެވެ. ލަފާކުރެވޭ ގޮތުގަ ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީ އެ ހޮހަޅައިގެ ތެރޭގައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ. މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފަ އެވެ.
މި ހާދިސާއާ ގުޅިގެން ހަތަރު ޑައިވަރުން ހޯދުމަށް މިހާރު ދިވެހި ސިފައިންގެ ޑައިވަރުން ހިންގަމުންދާ އޮޕަރޭޝަންގައި އެހީތެރިވުމަށް އިޓަލީގެ ސަރުކާރުން ފަންނީ މާހިރުން ފޮނުވަން ނިންމައިވާކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.