ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގަލްފުގެ ގައުމުތަކާއި ޖޯޑަން ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ދިވެހިރާއްޖެއިން ބައިވެރިވެ، އެ ގަރާރު ކޯ-ސްޕޮންސާ ކޮށްފި އެވެ.

މި ގަރާރަކީ ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޖޯޑަން އިން އިސްނަގައިގެން ހުށަހަޅާފައިވާ ގަރާރެކެވެ.

މި ގަރާރުގެ މައިގަނޑު މަގުސަދަކީ ހޮރްމޫޒު ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާއި، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުފަތުރުކުރުމުގެ ހައްގު ކަށަވަރުކުރުމެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި، އެ ނިޒާމުތައް ހިމާޔަތްކުރުމަކީ ވެސް މި ގަރާރުގެ މުހިންމު ބައެކެވެ.

ދިވެހި ސަރުކާރުން މި ގަރާރު ކޯ-ސްޕޮންސާ ކުރަން ނިންމި ނިންމުމާ ގުޅޭގޮތުން ބުނެފައިވަނީ، މީގެ ސަބަބުން "ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ" (އަންކްލޮސް) ހިމެނޭހެން ކަނޑުގެ ގާނޫނުތަކާ ގުޅޭގޮތުން ރާއްޖެއިން ގަބޫލުކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ކަނޑުގެ ގާނޫނުގެ ދަށުން ރާއްޖެ ފަދަ ޖަޒީރާ ނުވަތަ އާޗިޕެލަޖިކް ގައުމުތަކަށް ލިބިގެންވާ ހާއްސަ ހައްގުތަކާއި އިހްތިސާސްތަކަށް މި ނިންމުމުގެ ސަބަބުން އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.

 ގަލްފުގެ މަސްރަހު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަކީ ބައިނަލްއަގުވާމީ އިގްތިސާދަށް ނުހަނު މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމަށް ބާރުއަޅާ ފައެވެ. ހޮރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތަ އާއި ވިޔަފާރީގެ މުހިންމު ރާސްތާއަކަށް ވާތީ، އެ ސަރަހައްދުގެ ހަމަޖެހުމަކީ ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުގެ އިގްތިސާދީ ރައްކާތެރިކަމާ ވެސް ގުޅިފައިވާ ކަމެކެވެ.