"އަދަދު" އޮންލައިންގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނަސީރު ޖަލަށްލީ މައްސަލަ އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނަރގެ އޮފީހުގެ ސަމާލުކަމަށް ގެނެސްފި އެވެ.

މި މައްސަލަ އދ. އަށް ހުށަހެޅީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި، ގާނޫނާ ހިލާފަށް ނޫސްވެރިން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭގޮތުން "އައިޝާ" ގެ ނަމުގައި އެ ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން ކަމަށް އދ. އަށް ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. މި ހާދިސާ ފެށުނީ މާޗް 28، 2026 ގައި އެ ޑޮކިއުމަންޓްރީ އާންމުކުރުމާ ގުޅިގެންނެވެ.

ޑޮކިއުމަންޓްރީ އާންމުކުރިތާ މަހެއްހާ ދުވަސް ފަހުން، އޭޕްރިލް 28 ގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީހަށް ވަދެ، ނޫސްވެރިން ބޭނުންކުރާ ލެޕްޓޮޕްތަކާއި ސްޓޯރޭޖް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި މެއި 10، 2026 ގައި ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމަންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް އަމުރެއް ނެރެފަ އެވެ.

ނޫސްވެރިޔާ ޝަހުޒާން ހައްޔަރުކުރީ މެއި 11 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސާ ސުވާލުކުރުމުން، ކޯޓު އަމުރާ ހިލާފުވި ކަމަށް ބުނެ 15 ދުވަހުގެ ޖަލު ހުކުމަކާއި 25,000 ރުފިޔާގެ ޖޫރިމަނާއަކާ އެކުގަ އެވެ. ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލީ ކޯޓު އަމުރާ ގުޅޭގޮތުން ލިޔުނު ރިޕޯޓަކުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމުމަށްފަހު އެވެ.

އދ. އަށް ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ ވަކީލަކު ހޯދަން ދިނީ އެންމެ ދެ ގަޑިއިރު ކަމަށްވާތީ، މިއީ އިންސާފުވެރި ޝަރީއަތެއްގެ ހައްގުން މަހުރޫމްކުރުން ކަމަށެވެ. މީގެ އިތުރުން، މި އަމަލަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގެ 19 ވަނަ މާއްދާއާ ހިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

ދައުލަތުގެ އެކި މުއައްސަސާތަކުން ނޫސްވެރިންނަށް ބިރުދައްކަމުންދާ ކަމަށް ތުހުމަތުކުރާއިރު، މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ސިޔާސީ ނުފޫޒުގެ ސަބަބުން އިންސާފު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް އދ. އަށް ހުށަހެޅި ލިޔުމުގައި ވަނީ ފާހަގަކޮށްފަ އެވެ.