ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމަށް ފަހު، ސަޕޯޓަރުންނާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާއަށް ފުލުހުން ހުރަސްއަޅައި ބައެއް މީހުން ހައްޔަރުކޮށްފި އެވެ.

މި މުޒާހަރާއަކީ ޖަލަށްލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ވެސްޓް ޕާކް ސަރަހައްދުން ފެށި މި ހިނގާލުމުގެ ބައިވެރިން ރަސްފަންނާ ދިމާލަށް ދިޔުމަށް މަސައްކަތް ކުރުމުން، ރަޔަޓް ގިއަރުގައި ތިބި ފުލުހުން ވަނީ ޝީލްޑް ބޭނުންކޮށްގެން ތިން ރައީސުންނާއި ސަޕޯޓަރުން ކުރިޔަށް ދިޔުމަށް ހުރަސްއަޅާފަ އެވެ. ގާނޫނަށް ގެނެސްފައިވާ ބަދަލުތަކުގެ ދަށުން ރަސްފަންނަކީ ހުއްދަ ހޯދުމަކާ ނުލާ މުޒާހަރާ ކުރެވޭ ސަރަހައްދަކަށް ވީނަމަވެސް، ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގު ދެ ފަޅިން ބަންދުކޮށް މުޒާހަރާ ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާފަ އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުން އެކުވެނި ކްރިކެޓް ދަނޑާ ހަމައަށް ގޮސް، ޖަލަށްލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އަޑުއުފުލާފަ އެވެ. ފުލުހުން މުޒާހަރާ ރޫޅާލުމުގެ ތެރޭގައި މަދުވެގެން 5 މީހަކު ހައްޔަރުކޮށް، މުޒާހަރާގައި ބޭނުންކުރި ލައުޑްސްޕީކަރުތައް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި މުޒާހަރާގައި މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު މިނިވަން ކުރުމަށެވެ. މީގެ ކުރިން ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިން ވެސް ފުލުހުން ވަނީ އިންޒާރަކާ ނުލާ ޕެޕަރ ސްޕްރޭ ބޭނުންކޮށް މީހަކު ހައްޔަރުކޮށްފަ އެވެ.

ހުކުރު ދުވަހުގެ ހަވީރު ގިނަ އަދަދެއްގެ ނޫސްވެރިން ވެސް ވަނީ، ޖަލަށް ލާފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖު ކޮށްފަ އެވެ. މި އިހުތިޖާޖަށް ވެސް ސަރުކާރުުން އަންގައިގެން ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.