ސަރުކާރުން ހަދަމުންދާ ގޯސްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ކުރީގެ 3 ރައީސުންކަމަށްވާ ރައީސް މުޙައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނު އަދި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ގޮވާލައްވައިފިއެވެ.

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ،  މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީއަށް ވިހި އަހަރު ފުރެންދާއިރު، އަލުން އަނބުރާ ނޫސްވެރިކަމުގެ ދިފާއުގައި މަގުމައްޗަށް ނުކުންނަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން މިއަދު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމަށެވެ. 

އެހެންކަމުން އެ ކަންކަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. 

މި ބައްދަލުވުމުގައި ރައީސް ޔާމީނު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން
ތިބީ ވަރަށް ހާލުގައި ކަމަށާއި، މީޑިއާއަށްވެސް ޝަރުއީ ނިޒާމުގެ ތެރެއިން ބޮޑެތި ޙަމަލާތައް
ދެމުންގެންދާ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭ ކަމަށާއި،
މިއަދު ފެންނަމުންދަނީ ހުދުމުޚުތާރު ރައްޔިތުންގެ ސިފަ ކަމަށެވެ.

ކުރީގެ ރައީސް ޔާމީނު ވިދާޅުވީ، މިހާރު
ފުދިއްޖެ ކަމަށާއި، މި ވެރިކަމާ ދެކޮޅަށް އަދި ނޫސްވެރިންގެ ޙައްޤުގައި ނުކުންނަންވެއްޖެ
ކަމަށެވެ. އެހެންކަމުން ވަކި ސިޔާސަތުތަކާއެކު، ދޫ ދިނުމެއް ނެތި މަސައްކަތް
ކުރުމަށް ތިން ރައީސުންވެސް އެއްބަސްވެފައިވާކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް ސާލިޙު ވިދާޅުވީ، ރައީސް މުއިއްޒު މި ގައުމަށް ކުރިމަތި ކުރާ ދަތިތަކާ އުނދަގޫތަކުން ސަލާމަތް ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންދެން މިކަމުގައި ދެމިތިއްބަވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ސަރުކާރުން ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަށް ފާޅުގައި އަރައިގެންފައިވާ ކަމަށާއި، ޝަރުއީ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. 

ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ،  މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި، ނޫސްވެރިން ޖަލަށްވެސް ލަމުންދާ ކަމަށެވެ.

މީގެ އިތުރުން، ރައްޔިތުންގެ އާންމު ޙާލަތު ދަށްވެ، އިޤްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި މި ޙާލަތުގައި ވެސް ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުކަމަށް ބަޔާނުގައިވެއެވެ.

ހަމައެއާއެކު، ސަރުކާރުގެ ތެރޭގައި ނުރަނގަޅު އެތައް ކަމެއް މިއަދު އަށަގެންފައިވާކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެކަންކަން އިސްލާޙު ކުރުމަށް ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއާއި މުދާ އަމާންކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭކަމުގެ އިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއްވަންދެން ދިވެހިން މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖެއިން ފުހެވިގެންދާތަން ފެންނަމުންދާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.