ޤައުމު ހަމަ މަގަށް އެޅުވުމަށް 3 ރައީސުން ވެސް
ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާކަމަށް ކުރީގެ 3 ރައީސުންކަމަށްވާ
ރައީސް މުޙައްމަދު ނަޝީދު، ރައީސް އަބްދުﷲ ޔާމީނު އަދި ރައީސް އިބްރާހިމް މުޙައްމަދު
ސާލިޙު ވިދާޅުވެއްޖެއެވެ.
ތިން ރައީސުންގެ ތާރީޚީ ބައްދަލުވުމަށްފަހު
ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ
ސަރުކާރުން ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކަށް
ފާޅުގައި އަރައިގެންފައިވާ ކަމަށާއި، ޝަރުއީ ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންދާ
ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ މުއައްސަސާތަކުގެ
މުސްތަޤިއްލުކަން ގެއްލުވާލާފައިވާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
ތިން ރައީސުންގެ ބަޔާނުގައި އިތުރަށް
ބުނެފައިވަނީ، މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުމާއި، ނޫސްވެރިން ޖަލަށްވެސް ލަމުންދާ
ކަމަށެވެ.
މީގެ އިތުރުން، ރައްޔިތުންގެ އާންމު ޙާލަތު ދަށްވެ،
އިޤްތިސާދު ހީނަރުވެ، ތަކެތީގެ އަގު އެތައް ގުނައަކަށް އުފުލިފައިވާކަން ވެސް ވަނީ
ފާހަގަކޮށްފައެވެ. އަދި މި ޙާލަތުގައި ވެސް ސަރުކާރުގެ އިސްރާފު އިންތިހާއަށް ބޮޑުކަމަށް
ބަޔާނުގައިވެއެވެ.
ހަމައެއާއެކު، ސަރުކާރުގެ ތެރޭގައި ނުރަނގަޅު
އެތައް ކަމެއް މިއަދު އަށަގެންފައިވާކަން ފާހަގަކޮށް ބަޔާނުގައި އިތުރަށް ބުނެފައިވަނީ،
އެކަންކަން އިސްލާޙު ކުރުމަށް ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އަދި
ރައްޔިތުންގެ ފައިސާއާއި މުދާ އަމާންކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓޭކަމުގެ
އިތުބާރު ގެއްލި، ރައްޔިތުންގެ ބާރު ކެނޑި، އެތައް ޒަމާނެއްވަންދެން ދިވެހިން
މަސައްކަތް ކޮށްގެން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖެއިން ފުހެވިގެންދާތަން
ފެންނަމުންދާކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން ޤައުމު ހަމަ މަގަށް އެޅުވުމަށް 3
ރައީސުންވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެވިފައިވާކަމަށް މި
ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިހާރު ޖަލު ބަންދުގައި ތިބި ނޫސްވެރިން މިނިވަން
ކުރުމަށާއި، ނޫސްވެރިންގެ މައްޗަށް ހިންގާ ޣައިރު ޤާނޫނީ ޝަރީއަތްތައް ހުއްޓާލުމަށް ވެސް
ސަރުކާރަށް ވަނީ ގޮވާލާފައެވެ.
މިއީ ކުރީގެ ތިން ރައީސުން މިފަދަ ގޮތަކަށް ބައްދަލު ކުރައްވާފައިވާ ފުރަތަމަ ފަހަރެވެ.