ޖަލަށް ލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނާސިރު ވަގުތުން މިނިވަން ކުރުމަށް ގޮވާލާ، މާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ ނޫސްވެރިން އިހުތިޖާޖު ކޮށްފި އެވެ.

މި ހިނގާލުމުގައި ނޫސްވެރިންގެ އިތުރުން ޖަލަށްލާފައިވާ ނޫސްވެރިންގެ އާއިލާގެ މެންބަރުންނާއި ހެޔޮއެދޭ ފަރާތްތަކުން ވެސް ބައިވެރިވެފައިވެ އެވެ.

ހުކުރު ދުވަހުގެ ހަވީރު ބޭއްވި މި އިހުތިޖާޖު ފަށާފައި ވަނީ ހެންވޭރު ރާޅުގަނޑު ސަރަހައްދުންނެވެ. އެ ސަރަހައްދަށް އެއްވި ނޫސްވެރިން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި، ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. އޭގެ ފަހުން އިހުތިޖާޖުގެ ބައިވެރިން ވަނީ ބޮޑުތަކުރުފާނު މަގުން ހިނގާފައި ގޮސް އަމީނީ މަގަށް ނުކުމެ، ނޫސްވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ރައީސް މުއިއްޒުގެ ސަރުކާރަށް ގޮވާލާފަ އެވެ.

ޖަލަށް ލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ، ހުކުރު ދުވަހު ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން.
އިހުތިޖާޖުގެ ބައިވެރިން އަމީނީ މަގުން ނިކަގަސް މަގަށް ވަދެ، މަޖީދީ މަގަށް ނުކުތުމަށް މަސައްކަތް ކުރުމުން ގިނަ އަދަދެއްގެ ފުލުހުން ވަނީ އެ ސަރަހައްދަށް ޖަމާވެ ނޫސްވެރިންނަށް ހުރަސް އަޅާފަ އެވެ. އެ މަގުން ކުރިއަށް ނުދެވުމުން ޖެހިގެން އޮތް ދަނބުރުއްމަގުން މަޖީދީ މަގަށް ނުކުތުމަށް ކުރި މަސައްކަތަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފަ އެވެ.

ޖަލަށް ލާފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ، ހުކުރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން.
ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ މި އިހުތިޖާޖުގެ ބައިވެރިން ފުލުހުންގެ ކިބައިން އެދެމުންދިޔައީ، މަޖީދީ މަގުން ރަސްފަންނު ސަރަހައްދަށް ގޮސް އިހުތިޖާޖު ނިންމާލުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް އެ ފުރުސަތު ފުލުހުން ނުދިނުމުގެ ސަބަބުން، އިހުތިޖާޖުގެ ބައިވެރިން ވަނީ މަޖީދީ މަގާއި ދަނބުރުއްމަގު ގުޅޭ ހިސާބުގައި ތިބެ އިހުތިޖާޖު ނިންމާލާފަ އެވެ.
އިހުތިޖާޖުގެ ބައިވެރިން އެއް އަޑަކުން ގޮވަމުންދިޔައީ، ނޫސްވެރިން ޖަލަށްލައިގެންނާއި އެކި ގޮތްގޮތުން ބިރުދެއްކި ނަމަވެސް ދިވެހި ނޫސްވެރިން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި ނޫސްވެރިންގެ ހައްގުގައި ކުރާ މި މަސައްކަތް ހުއްޓާނުލާނެ ކަމުގެ އަޒުމް ވެސް ނޫސްވެރިން ވަނީ އާކޮށްފަ އެވެ. އަދި ނޫސްވެރިން ޖަލަށްލާ ކިތަންމެ ވަރަކަށް ބިރު ދެއްކިޔަސް، ދިވެހި ނޫސްވެރިން ފަހަތަށް ނުޖެހޭނެ ކަމަށް އިހުތިޖާޖުގެ ބައިވެރިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.