ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ''ރޫޓް ކެނަލް'' ހެދި މީހެއްގެ ދަތުގެ ތެރެއަށް ކަށި ބިންދާލައިފި އެވެ. 

ރާއްޖެއެމްވީ މި އަނިޔާ ލިބުނު މީހާ ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވަރަށް ތަފްސީލްކޮށް ހާދިސާ ހިނގިގޮތް ކިޔާދިފަ އެވެ. 

އޭނާ ބުނީ، ދަތުގެ ފަރުވާ ހޯދުމަށް ޕްރައިވެޓް ކްލިނިކަށް ނުގޮސް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ދިޔައީ އަގުހެޔޮ، ރަނގަޅު ޚިދުމަތެއް ހޯދުމަށް ކަމަށެވެ.

އޭނާ ބުނީ، މިމަހުގެ 8 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ރޫޓް ކެނަލް ހަދަން ޖެހޭ ކަމަށް އެންގި ކަމަށެވެ.

އެހެންކަމުން ފަރުވާ ފެށުމުގެ ކުރިން ދަތް ސާފު ކުރުމުގެ މަސައްކަތް ކުރި ކަމަށާއި، އެމަސައްކަތުގެ ތެރެއިން ދަތުގެ ތެރެއަށް ކަށި ބިންދާގެން ދިޔަ ކަމަށެވެ.  ކަށި ނެގުމުގެ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވުމުން، އެތަން އިންގޮތަށް ބައިންދާފައި ފުޓުނި އެޅުން ކަމަށް އިރުޝާދު ދިން ކަމަށް އޭނާ ބުންޏެވެ. ފުޓުނި އެޅުމުގެ ޕްރޮސީޖަރ ކުރިއަށް ގެންދިއުމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ރުހި ކޮންސެންޓް ލިޔުމެއްގައި ސޮއި ކުރުމަށް ވެސް އެންގި ކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް ކަށި ބިންދާގެން ދިޔައީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ރޫޓް ކެނަލްގެ ޕްރޮސީޖަރގެ ދަށުން ކަމަށް ބަޔާންކޮށް ލިޔުމެއް ދޭން އެދުމުން އެކަމަށް ހޮސްޕިޓަލުން އިންކާރު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ރޫޓު ކެނަލް ހެދުމަކީ ވަރަށް ސީރިއަސް ކަމެއް. ދަތުގެ މަދާ މިކުޅެނީ. މަދު މިއީ ވަރަށް ސީރިއަސް ކަމެއް. ސީދާ ކައްޓާ ގުޅިފައި ހުންނާތީ ކޮންމެ ކޮންމެ ޑޮކްޓަރެއް ރޫޓް ކެނަލް ނުހަދާ ކަމަށް މައުލޫމާތު ވެސް ލިބެނީ. 
އަނިޔާ ލިބުނު މީހާ

އޭނާ ބުނީ، އެލިޔުން އެގޮތަށް ނުދޭތީ އިތުރަށް އެއްވެސް ފަރުވާއެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހޯދަން ބޭނުންނުވާ ކަމަށެވެ. އަދި ރަނގަޅު ފަރުވާއެއް ލިބޭނެ ހޮސްޕިޓަލަށް ފޮނުވާ ދިނުމަށް އެދުމުން އެކަމަށް ވެސް އިޖާބައެއް ނުދޭ ކަމަށާއި، ކޮސްމެޓިކްސް ފަރުވާއެއް ކަމަށް ބުނެ އާސަންދަ ވެސް ހަމަޖައްސައިނުދޭ ކަމަށް އޭނާ ބުންޏެވެ. ދަތުގެ ފަރުވާގެ ތެރެއިން އިތުރު ގެއްލުމެއް ލިބުމުން މިކަމުގެ ޒިންމާ ނަގައި، އެހީ ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ރޫޓް ކެނަލް ހެދި މީހެއްގެ ދަތުގެ ތެރެއަށް ކަށި ބިންދާލައި، އެކަން ސިއްރު ކުރުމަށް އެހޮސްޕިޓަލުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. ނަމަވެސް މި ހާދިސާ އާ ގުޅޭގޮތުން އެ ހޮސްޕިޓަލް ގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.