ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަތަކަކީ ދޮގު ކަމަށާއި އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް އައްބާސް ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނަވައިގެން ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ފަލާހް ވަނީ 'އައިޝާ' ކިޔާ އަންހެން ކުއްޖަކު އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން އަށް މަސް ދުވަސް ވަންދެން ޢައްބާސް ގެންގުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ އަންހެން ކުއްޖާގެ ކަންތައް އައްބާސްގެ ދަރިއަކަށް އެނގުމުން އެ މައްސަލާގައި އައްބާސްގެ އަނބިކަނބަލުން ވެސް އައްބާސް ދޫކުރައްވާފައިވާ ކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ.

މި ތުހުމަތުތަކާ ގުޅިގެން އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލާހު އައްބާސްގެ އަބުރަށް ހުތުރުވާގޮތަށް އަދި އައްބާސްގެ އަނބި ދަރިންނާ ބެހޭ ގޮތުން ދެއްކެވި ހަޤީގަތާ ހިލާފު ދޮގު ހަޑި ހުތުރު ވާހަކަތައް އެންމެ ހަރުކަށި އިބުރާތުން ކުއްވެރި ކުރައްވާ ކަމަށެވެ.

އައްބާސް ވިދާޅުވީ އައްބާސްއާ ބެހޭ ގޮތުން ފަލާހު ވިދާޅުވި ހުރިހާ ވާހަކަތަކަކީ ވެސް ކަޑައެޅިގެން ދޮގު ކަމަށާއި އައްބާސްގެ އަނބި ދަރިން އާއިލާއާއި، އެކުވެރިން ހެކިވާނެ ކަމަށެވެ. އައްބާސްގެ އަނބި ދަރިންނާ އާއިލާއަކީ ވަރަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއް ކަން އައްބާސް ދަންނަ ކޮންމެ ރައްޔިތަކު ހެކިވާނެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މި ކަމުގައި ހޯދަން ޖެހޭ ޤާނޫނީ ލަފާ ހޯދުމަށް ފަހު އަބުރަށް އަރައިގެން ދައުވާކުރުމާ މެދު އައްބާސްގެ ޤާނޫނީ ޓީމުން ކުރަމުންދާ ވާހަކަ އެންމެ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

ފަލާހް ވިދާޅުވީ އެވާހަކަ އޮއްބާލުމުގެ ގޮތުން އެހެން މީހުންގެ ބޮލުގައި އެކަން އައްބާސް އަޅުވަނީ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިންނަވައިގެން ބޭއްވި މި ޖަލްސާގައި ފަލާހް ވަނީ ސަރުކާރުގެ ބައެއް މެންބަރުންނާ ގުޅޭގޮތުން ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.