މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މިސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ. އަދި ވިދާޅުވީ މަސްތުވާތަކެތިން ގައުމު ސަލާމަތް ކުރުމަށް މިހާތަނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ތަންފީޒީ އިދާރާތަކަށް އިތުރު ބާރު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން މަސްތުވާތަކެތީގައި ޖެހިފައި ތިބި ޒުވާނުން އޭގެން ސަލާމަތް ކޮށްދީ އަނބުރާ މުޖުތަމައުއަށް ނެރުމުގެ މަސައްކަތް ކުރާ ކަމަށާއި، މަސްތުވާތަކެތި ވިއްކާ އަދި ވިޔަފާރި ކުރާ ފަރާތްތައް މަރުގެ އަދަބު ދިނުމަށް ގާނޫނޫގައި ހިމެނިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމްޑީޕީއަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ ބޮވެންވާނެ ސިޔާސަތު ކަމަށާއި، އެންމެން އަބަދު ހަމައިގައި ތިބެގެން ނުވާނެ ކަމަށެވެ.

އެމްޑީޕީ ސަރުކާރުގެ ސިޔާސަތަކީ ބޮވެންވާނެ ނުބައެ ނުވާނެ އެންމެން އަބަދަކު ހަމާގައި ތިބޭކަށް ނުޖެހޭނެ. އެއީ އެމްޑީޕީގެ ސިޔާސަތު. އެކަމަކު އަޅުގަނޑުމެން އަޅުގަނޑުމެން ގަބޫލު ކުރާ ހަމައަކީ ކުޑަ މިންވަރެއްގެ ވެސް މަސްތުވާ އެއްޗެއް ވާނީ ހަމަ ހަރާމް އެއްޗަކަށްށޭ. އެހެންވީމަ މިގައުމުގައި އެއްވެސް ޒާތަކަށް މަސްތުވާތަކެތި އަށަގަނެގެންދާ ދިއުމަކަށް މަގު ފަހިވާނެ ގޮތް ވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން. އެކަން ހުއްޓުވުމަށްޓަކައި ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ދިވެހިންގެ ވިންދާ އިހުސާސްއާ އެއްގޮތަށް ބާރު މިނުގައި ވަރަށް ވަށާޖެހޭ ސިޔާސަތެއް އަޅުގަނޑުމެން ތަންފީޒު ކުރަމުން ގެންދަނީ. 
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯޓް (އެމްޑީއެން) އިން އިސްލާމްދީނަށް ތައުހީނުކޮށް 2015 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓު ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން އަލުން ވެރިކަމަށް ގެެންނަން ދިވެހީ ބޭނުން ނުވާނެ ކަމަށެވެ. 

އެމްޑީޕީގެ ދެ ސަރުކާރަކީ ވެސް ދީނާ ހިލާފް ސިޔާސަތުތައް ތަންފީޒު ކުރި ދެ ސަރުކާރުކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ،  މުސްލިމުންގެ އަގީދާގެ އެންމެ އަސާސީ ކަންކަމަށް ހަޖޫޖަހައި ކުޑައިމީސްކޮށް ބަދުބަސްބުނި މީހުން އެމްޑީޕީގެ ސަރުކާރުގައި ގެންގުޅުނީ ބޮޑި މަގާމުތައް ދީގެން ރައްޔިތުންގެ ފައިސާއިން ހަރަދު ކޮށްގެން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2011 ވަނަ އަހަރުގެ ތެރޭގައި އިސްލާމްދީނުގެ ދިފާއުގައި ރައްޔިތުން މަގުމައްޗަށް ނުކުންނަންޖެހުނީ ދީނާ ހިލާފް ސިޔާސަތުތަކެއް އެ ސަރުކާރުން ގެންގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ސާކް ސަމިޓާ ދިމާކޮށް އެ އަހަރު އައްޑޫގައި ބުދު ބެހެއްޓީވެސް އެމްޑީޕީ ސަރުކާރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.