ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކާއި، ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

އިދިކޮޅު ސިޔާސީ ފަރާތްތަކަށް އިޝާރާތް ކުރައްވައި އެމަނިކުފާނުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅުން މަސައްކަތް ކުރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އަޅުގަނޑުގެ އަންހެނުން އަޅުގަނޑާ ދުރުކުރެވޭތޯ މިމީހުން މާ ބޯޑަށް އެބައުޅޭ. ދެން އަޅުގަނޑު ސާޖީގާތުގައި އަހާލާފިން މިއީ ކިހިނެއްވާ ކަމެއް ބާއޭ އަނެއްކާ. މިހާރު އިނގިރޭސިވިލާތަށް އަޅުގަނޑުގެ ދަރިފުޅު ކައިރިއަށް މާ ކުރިން މީގެ ދޮޅު މަހެއްހާ ކުރިން ޕްލޭން ކޮށްފައި އޮތް ދަތުރެއް ގޮސް އެ ވެސް ގޮސް މި ބަދަލުވީ މިމީހުން ބޭނުންވާ ކޮންމެވެސް ނެރޭޓިވްއަކަށް. މިއީ މިހެން އޮންނަ ކަމެއް ނޫނެއް މިއީ. ބަޔަކު ވާހަކަ ދައްކާ ގޮތް އެއީ ހަގީގަތަކަށް ވާކަށް ނުޖެހޭނުންތޯ. އެމީހުން މިހާރު އަޅުގަނޑުމެން ދެމީހުން ދުރުކޮށް ނިންމާ ހުރިހާ ކަމެއް ކޮށް ނިންމައިފި.  
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވިއިރު، އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނީ ޑޮކިއުމަންޓްރީގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނޫސްވެރިން މިނިވަން ކުރުމަށެވެ. އަދި ޑޮކިއުމަންޓްރީގެ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން މުޅި ރާއްޖެއަށް ނެރިފައިވާ ގެގް އޯޑަރ އަކީ މިނިވަން ނޫސްވެރިކަމާއި، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ސަރުކާރުން އަޅާފައިވާ ހުރަހެއް ކަމަށެވެ. އަދި މި ހައްގުތަކަށް އަރައިނުގަނެވޭނެ ކަމަށާއި، އެ ކޯޓު އަމުރު ބާތިލް ކުރުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކާއި، ގިނަ އާއްމު ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

މި މައްސަލަތަކާ ގުޅިގެން ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންދާއިރު، މިއިން އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި، ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އިދިކޮޅުގަ ޒިންމާދާރު ބަޔަކު ނެތް ކަމަށާއި، ގައުމާއި ދީނާ މެދު ނުވިސްނާ ކަމަށާއި، ހަމަ ހިތުހުރި ގޮތަކަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކަކީ ފުރުސަތު ލިބޭ ކޮންމެ ފަހަރަކު އަމިއްލަ މަންފާއަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކަށާއި، ކުރާ މަސައްކަތާއެކު ނެރެމުންދާ ނަތީޖާއަށް އިދިކޮޅުން ދޭނެ ރައްދެއް ނެތް ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ ގައުމަށް ހެވާއި ލާބަ ލިބޭނެ ކަންކަން ކުރުން ކަމަށާއި މީގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ހަގީގީ މާނައިގައި މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ނަމަވެސް މިހާތަނަށް މިސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު އެއްވެސް ބޭފުޅެއްގެ މައްސަލަ ބަލާފައިނުވެ އެވެ.