ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިންކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ދޫކޮށްލަން ގޮވާލާ އެމްޑީޕީ އިން ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ބައިވެރިން ގަޔަށް، ފުލުހުން އެެއްވެސް އިންޒާރު ދިނުމެއް ނެތި ޕެޕަރ ސްޕްރޭ ޖަހާ އެކަކު ހައްޔަރުކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާ ފަށާފައިވަނީ އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ނިކުމެގެން މަޖީދީ މަގަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެކި ފަހަރު މަތިން މުޒާހަރާގެ ބައިވެރިން ހުއްޓުވާފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންނަށް ބިރު ދެއްކުމުގެ ގޮތުން ފުލުހުންގެ ވެހިކަލެއް ބާރު ސްޕީޑްގައި ދުއްވާފައި އައިސް މުޒާހަރާގެ ތެރެޔަށް ވައްދާލާފައިވާކަން ފާހަގަކުރެވެ އެވެ. މުޒާހަރާގެ ވަކި ހިސާބަކުން ޕީއެންއެފްގެ ސަޕޯޓަރުން ވެސް ވަނީ މުުޒާހަރާގެ ބައިވެރިންނާ ގުޅިފަ އެވެ.

ބުރާސްފަތި ދުވަހުގެރޭ އެމްޑީޕީ އިން ކުރި މުޒާހަރާގެ ތެރެއިން.
މުޒާހަރާގެ ބައިވެރިން މަޖީދީމަގަށް ނިކުންނަން މަސައްކަތް ކުރުމުން، ގިނަ އަދަދެއްގެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ވަށާލާ، އެއްވެސް އިންޒާރެއް ދިނުމެއް ނެތި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހާފަ އެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާއްމު ރައްޔިތުންނަށްވެސް ވަނީ ވަރަށް ބޮޑަށް ޕެޕަރ ސްޕްރޭގެ އަސަރުކޮށްފަ އެވެ.
މުޒާހަރާގެ ބައިވެރިން އޭގެ ފަހުން ވަނީ ބޮޑުތަކުރުފާނު މަގުން ވިލާ ކޮލެޖާ ހަމަޔަށް ހިނގަމުން، ޖަލައްލާފައިވާ ނޫސްވެރިންނާއި ބުދަ ދުވަހުގެ ރޭގެ މުޒާހަރާ އިން ހައްޔަރު ކުރި އެންމެން ދޫކޮށްލުމަށް ގޮވާލާފަ އެވެ. ބޮޑުތަކުރުފާނު މަގު ވިލާ ކޮލެޖް ސަރަހައްދުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް އިތުރަށް ކުރިޔަށް ނުދެވޭ ގޮތަށް ހުރަސް އަޅާފަ އެވެ. އަދި މުޒާހަރާގައި ގެންގުޅުނު އަޑުގަދަކުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އަޑުގަދަކުރާ ހިފައިގެން ހުރި މުހައްމަދު ޝާމިން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ނިމިދިޔަ ބުދަ ދުވަހުގެ ރޭގައި ވެސް އެމްޑީޕީ އިން ވަނީ ޖަލަށްލާފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ މާލޭގެ އެކި ސަރަހައްދުތަކުގައި އަޑު އުފުލާފަ އެވެ. އެ މުޒާހަރާގެ ތެރެއިން 10 މީހަކު ހައްޔަރުކޮށް، ކޯޓަށް ހާޒިރު ކުރުމުން 3 މީހަކަށް ވަނީ ބަންދު މުއްދަތު ޖަހާފަ އެވެ. ބުދަ ދުވަހުގެ ރެޔެކޭ އެއްގޮތަށް، ބުރާސްފަތި ދުވަހުގެރޭ ވެސް ފުލުހުން ވަނީ މުޒާހަރާގައި ބޭނުން ކުރި ސޯފާ އެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.