ކޯޓުން ދޫކޮށްލަން އަމުރުކުރި މީހަކު 7 ގަޑިއިރު ފަހުންވެސް ބަންދުގައި ބަހައްޓާފައިވާތީ އެމްޑީޕީ އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މިކަމާއި ގުޅިގެން އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވީ ކްރިމިނަލް ކޯޓުން މީހަކު ދޫކޮށްލުމަށް އަމުރުކުރިތާ 7 ގަޑިއިރު ވެފައިވާއިރުވެސް، އެ މީހާ އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ. ފުލުހުން ބުނަމުންދަނީ އެ މީހާ ދޫނުކޮށް ހިފަހައްޓަމުންދަނީ "ލިޔެކިޔުންތައް ނުލިބޭތީ" ކަމަށެވެ.

މީހެއްގެ މިނިވަންކަން ހިފެހެއްޓުމަށްޓަކައި، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ލަސްވުމަކީ ގާނޫނީ ގޮތުން ދެއްކޭނެ އުޒުރެއް ނޫން ކަމަށް މައުރޫފް ވިދާޅުވި އެވެ. މިއީ ގާނޫނާ ޚިލާފަށް މީހުން ބަންދުކުރުން ކަމުގައިވާއިރު، މިއީ ގާނޫނުއަސާސީގެ 45 ވަނަ މާއްދާއާ ސީދާ ޚިލާފު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ކޯޓުން ނިންމާފައިވާ ނިންމުމާ ގުޅޭ ލިޔެކިޔުންތައް ވަގުތުން ފުރިހަމަކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށް އެމްޑީޕީއިން ވާނީ ކޯޓުގައި އެދިފަ އެވެ.