ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

ކުރީގެ ތިން ރަައީސުންގެ މި ބައްދަލުވުން އޮންނާނީ ހުކުރު ދުވަހު އެވެ. ނަމަވެސް މި ބައްދަލުވުން އޮންނާނެ ތަނަކާއި، ބައްދަލުވުން އޮންނާނެ ވަގުތެއް ހާމަ ކޮށްފައި ނުވެ އެވެ. ބައްދަލުވުމަށް ފަހު ތިން ރައީސުން ވެސް މީޑިއާތަކާ ބައްދަލު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 

ކުރީގެ ތިން ރައީސުން ބައްދަލު ކުރަން ނިންމާފައި މި ވަނީ، ނޫސްވެރި ކަމުގެ މިނިވަން ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން އަންނަ ވަގުތެއްގަ އެވެ. އެގޮތުން ނޫސްވެރި ކަމުގެ މިނިވަންކަން ދިފާއު ކުރުމަށް، އެކުގައި މަސައްކަތް ކުރުމަށް ތިން ރައީސުންގެ ޝައުޤުވެރިކަން އޮތް ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.

މިއީ ކުރީގެ ތިން ރައީސުން މިފަދަ ގޮތަކަށް ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.