ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރު އަޑީގައި ހުރި ހޮހަޅައެއްގެ ތެރެއިން ކަމަަށް އެމްއެންޑީއެފް އިން ހާމަކޮށްފި އެވެ. 

އެމްއެންޑީ އެފް އިން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 ހާއިރު ކަމަށެވެ. ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުން ވަނީ ކަނޑާއި ވައިގެ މަގުން އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިކަމަށެވެ. މި އޮޕަރޭޝަނުގައި ސަފާރީއަކާއި، ވ. އަތޮޅު ޕޮލިސް ސްޓޭޝަން އަދި އަލިމަތާ ރިސޯޓުގެ އެހީތެރިކަން ލިބެމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ބުރާސްފަތި ދުވަހު ޑައިވިނަށް ދިޔަ އިޓަލީގެ ފަސް މީހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރޭގައި ހިމެނެނީ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކާއި ޑައިވިންގ އިންސްޓްރަކްޓަރެކެވެ.

ގެއްލުނު މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނިފައިވަނީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސަފާރީގެ ޑައިވަރުންނަށް ބުރާސްފަތި ދުވަހު އިރުއޮއްސި 18:13 ހާއިރު ކަމަށާއި އަދި އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ވ. ފުލިދޫ ހެލްތު ސެންޓަރަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، ހަށިގަނޑު ފެނުނު ހޮހަޅައަކީ ގާތްގަނޑަކަށް 200 ފޫޓުގެ ދިގުމިން ހުރި ތަނެކެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވެސް ވީ އެ ހޮހަޅައިގެ ތެރޭގައި ކަމަށް މިހާރު ބެލެވޭ ކަމަށެވެ. އަދި މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނަކަށް ވާތީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ އިތުރު ޑައިވަރުންނާއި ބޭނުންވާ ޚާއްޞަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވާފައި ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާއާ ގުޅިގެން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ނިމެންދެން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.