ވ. އަތޮޅުގައި ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން މަރުވެފައިވާ ކަމަށް ކުރިން މައުލޫމާތު ދެވުނީ އޮޅުމަކުން ކަމަށާއި، މިހާތަނަށް ފެނިފައިވަނީ އެކަކުގެ ހަށިގަނޑު ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ މިގޮތަށް މައުލޫމާތު ދެވުނީ އެ ވަގުތު ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ. ފުލުހުން ވަނީ ކުރިން ދެވުނު ނުބައި މައުލޫމާތަށްޓަކައި އާންމުންނާއި މީޑިއާތަކުގެ ކިބައިން މައާފަށް އެދިފަ އެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ވ. އަތޮޅުގައި އޮތް ސަފާރީއަކުން ބުރާސްފަތި ދުވަހު ޑައިވިނަށް ދިޔަ އިޓަލީގެ ފަސް މީހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރޭގައި ހިމެނެނީ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކާއި ޑައިވިންގ އިންސްޓްރަކްޓަރެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މީހުން ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:45 އެހައިކަންހާއިރު އެވެ. މި ރިޕޯޓު ލިބުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފަ އެވެ. މިހާތަނަށް އެކަކު ނިޔާވެފައި އޮތްވާ ފެނިފައިވާއިރު، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި މިހާރުވެސް ދަނީ ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، މިކަމުގައި ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދިޔަ ވަރަކަށް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.