ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ އިޓަލީގެ ފަސް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ އެންމެން މަރުވެފައި ތިއްބާ ފެނިއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާގައި ނިޔާވެފައިވަނީ އިޓަލީ އަށް ނިސްބަތްވާ ފަސް މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ އެއް އާއިލާއަކަށް ނިސްބަތްވާ ހަތަރު މީހަކާއި ޑައިވިން އިންސްޓްރަކްޓަރެއް ކަމަށް ރާއްޖެ އެމްވީ އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުރާސްފަތި ދުވަހު މެންދުރުފަހު 13:45 އެހައިކަންހާއިރު އެވެ. މި ރިޕޯޓު ލިބުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މިކަމުގައި ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދިޔަ ވަރަކަށް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.