އަދަދު ނޫހުގެ ޑޮކިއުމެންޓްރީއާއި ގުޅިގެން އެ ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އަމުރުކޮށް ހުރިހާ ރައްޔިތުންގެ މައްޗަށް، އަނގަ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އެމްޖޭއޭއިން ބުނީ ގާނޫނުއަސާސީގެ 27، 28 އަދި 29 ވަނަ މާއްދާގައިވާ ހައްގުތައް އިންތިހާއަށް ހަނިވާގޮތަށް، ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު އިސްތިއުނާފުކުރަން އެމްޖޭއޭގެ ފަރާތުން ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ހައިކޯޓުގައި އެމްޖޭއޭ ތަމްސީލުކުރުމަށް ލީޑް ކައުންސެލްގެ ގޮތުގައި ހަމަޖައްސާފައިވަނީ ގާނޫނީ ވަކީލު ހަސަން ފަލާހު އެވެ. އަދި މައްސަލަ ރެޖިސްޓްރީވުމާއެކު ލީގަލް ޓީމްގައި ހިމެނޭ ގިނަ ވަކީލުންތަކެއް މި މައްސަލައިގައި އެމްޖޭއޭ ތަމްސީލުކުރުމަށް ގުޅިވަޑައިގަންނަވާނެ ކަމަށް އެމްޖޭއޭއިން ބުނެ އެވެ.
އަދި މި އަމުރުގެ ސަބަބުން އަސަރުކޮށްފައިވާ، މައްސަލައަށް ތަދައްހުލްވާން ބޭނުންވާ އެންމެހާ ފަރާތްތަކުން މައްސަލައަށް ތަދައްހުލްވުމަށް އެމްޖޭއޭއިން ވަނީ އެދިފަ އެވެ.
އެމްޖޭއޭއިން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިނިވަން ނޫސްވެރިކަމުގެ އަޑުކަނޑުވާލުމަށްޓަކައި، ވެރިކަންކުރާ ބާރާއި، ޝަރުޢީ ދާއިރާއިން ކުރަމުންދާ މަސައްކަތްތައް އެމްޖޭއޭ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ލީވާން އާއި ޝަހުޒާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ހުރިހާ އިދާރާތަކަށް އެމްޖޭއޭ އިން ވަނީ ގޮވާލާފަ އެވެ.
އެމްޖޭއޭއިން އިތުރަށް ބުނެފައިވަނީ، ވެރިކަމުގެ އެހެން ބާރުތަކުގެ މައްޗަށް އަތްގަދަކޮށްފައިވާ ސަރުކާރަކާއި، އިންތިހާއަށް ސިޔާސީކޮށްފައިވާ ޝަރުއީ ނިޒާމު ގުޅިލާމެހިފައިވާ މިންވަރުގެ ސަބަބުން ސީރިއަސް ސުވާލުތަކެއް އުފެދިފައިވާ ކަމަށެވެ. އަދި ސިޔާސީވެފައިވާ ޝަރުއީ ނިޒާމުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިން ކަންކަން ކުރިއަށްދިއުމުގެ ހައްގާއި (ޑިއު ޕްރޮސެސް)، އަދުލުވެރި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ކަށަވަރުނުވާނެ ކަމުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަންވެސް ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން މިތުހުމަތުތަކާ ގުޅޭގޮތުން މިނިވަން، އިންސާފުވެރި، ވަކިއަތަކަށް ނުޖެހޭ އަދި އިތުބާރުހުރި ތަހުގީގެއް ލަސްކުރުމަކާ ނުލައި ކުރިއަށް ގެންދިއުމަށް ހުރިހާ އިދާރާތަކަށް އެމްޖޭއޭއިން ވަނީ ގޮވާލާފަ އެވެ.