ޖަލަށްލާފައިވާ "އަދަދު" ނޫހުގެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.
އެމްޑީޕީން ބުނި ގޮތުގައި މި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ޖުމްލަ 10 މީހަކު ހައްޔަރުކޮށްފަ އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުން މައުލޫމާތު ދިން ގޮތުގައި، ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން، އަލީ ޖުމާން 5 ދުވަހަށް އަދި އަބްދުﷲ ޝަރީފް 3 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ބުދަ ދުވަހުގެ ރޭ ކުރިއަށްދިޔަ މި މުޒާހަރާ ފެށީ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅުނު ކަންމަތިންނެވެ. މި އިހުތިޖާޖުގައި އެމްޑީޕީގެ އިސް ފަރާތްތަކުގެ އިތުރުން، ޖަލަށްލާފައިވާ ދެ ނޫސްވެރިން ކަމުގައިވާ ޝަހުޒާނާއި، ލީވާނުގެ އާއިލާގެ މެންބަރުން ވެސް ބައިވެރިވެފައިވެ އެވެ. މުޒާހަރާގެ ބައިވެރިން މަޖީދީމަގުން އިރަށް ގޮސް އާޓިފިޝަލް ބީޗަށް މަޑުކުރުމުން، އެ ސަރަހައްދުން ޕީއެންއެފްއަށް ތާއިދުކުރާ ފަރާތްތަކުން ވެސް ވަނީ މުޒާހަރާއާ ގުޅިފަ އެވެ.
މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ގޮސް އަލިކިލޭގެފާނު މަގަށް މިސްރާބު ޖެހި ނަމަވެސް، ފުލުހުން ވަނީ އެ މަގުގެ މެދުން މުޒާހަރާ ހުއްޓުވާފައެވެ. އެ ސަރަހައްދުން ވެސް މުޒާހަރާގެ ބައިވެރިއަކު ހައްޔަރުކޮށްފައިވާއިރު، އެއަށްފަހު ބައިވެރިން އަނބުރާ ޗާންދަނީ މަގަށް ގޮސް އިހުތިޖާޖު ކުރިއަށް ގެންގޮސްފައިވެ އެވެ.
މި މުޒާހަރާގެ ތެރެއިން ފުލުހުން ބައިވެރިން ދުރަށްލުމަށް މަސައްކަތް ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. މީގެ އިތުރުން، މުޒާހަރާގެ ބައިވެރިން ބޭނުންކުރި ސޯފާ އެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ފަހުން ވަނީ ހަވާލުކޮށްފަ އެވެ.