ދ. މީދޫ
ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް
ލިބުނު ވޯޓާ ގުޅޭ މައްސަލައިގައި ހައިކޯޓުން ޙުކުމްކޮށްފިއެވެ.
ދ. މީދޫ ކައުންސިލްގެ ރައީސްގެ
މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ
މައްސަލަތަކެއް ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ
ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީއޭގެ
ކެންޑިޑޭޓަށް ވަނީ ޔަޤީންވެފައެވެ.
އޭރު
ފެންމަތިވި މައްސަލަތައް ބެލުމަށްފަހު، މީދޫ ވޯޓުގެ ރަސްމީ ނަތީޖާ އާންމުކުރިއިރު،
އެ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ސުހާ އިބްރާހިމްއަށް ލިބުނީ، 391 ވޯޓެވެ. އަދި
އެމްޑީއޭގެ މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ. އެހެންކަމުން އިންތިޚާބު
ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.
ސުހާއަށް ލިބުނު ވޯޓެއް ބާތިލުވުމުން އޭނާއަށް
ލިބުނު ވޯޓު 391 އަށް މަދުވެފައިވާއިރު، އެ ވޯޓު އަލުން ގުނައި ބާތިލު ކަމަށް
ކަނޑައަޅަން ޖެހުނީ އެ ވޯޓު ކަރުދާހުގައި ދެފަހަރު ރަނގަޅު ފާހަގަ ޖަހާފައިވާތީ
އެވެ.
ނަމަވެސް
ސުހާގެ ފަރާތުން ބުނާ ގޮތުގައި އެއީ އޭނާއަށް ލިބިފައިވާ ވޯޓެއްކަމަށް ކަނޑައަޅަން
ޖެހެއެވެ. ސަބަބަކީ އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާލުގައި ފާހަގަ ޖަހާ
ވާހަކަ ޤާނޫނުގައި އޮންނައިރު، އެ ވޯޓު ކަރުދާހުގައި އޮތީ އޭނާގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައި އޮތުމުންކަމަށް ވަކީލު ވިދާޅުވިއެވެ. އަދި އެ ވޯޓު ބާތިލުކަމަށް
ކަނޑައަޅާފައިވަނީ އިންތިޚާބީ ޙައްޤުތަކަށް ހުރަސްއެޅޭ ގޮތަށްކަމަށް އޭނާގެ
ފަރާތުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން
އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް، އަލުން އިންތިޚާބު ބާއްވައިދިނުމަށް އަމުރު
ކޮށްދިނުމަށް ނުވަތަ ބާތިލު ބަންޑަލީގައި ހިމެނޭ 15 އަދި 17 ވަނަ ބަންޑަލީގެ
ވޯޓަކީ ސައްޙަ ވޯޓުކަމަށް ކަނޑައަޅައިދިނުމަށް އޭނާގެ ފަރާތުން އެދިފައިވެއެވެ.
އެހެންނަމަވެސް
އެމްޑީއޭގެ ކެންޑިޑޭޓުގެ ފަރާތުން ބުނީ، ޤާނޫނުގައި އޮތީ "ފާހަގައެއް"
ޖަހާ ވާހަކަ ކަމަށާއި، އެތަނުގައި އެ ބުނަނީ އެއް ފާހަގައިގެ ވާހަކަ ކަމަށެވެ.
އަދި އެ ވޯޓަކީ ސައްޙަ ވޯޓެއްކަމަށް ކަނޑައަޅައިފިނަމަ އެއީ އިންތިޚާބީ
ނިޒާމަށްވެސް ލޮޅުން އަންނާނެ ކަމެއްކަމަށް ވަކީލު ވިދާޅުވިއެވެ.
އީސީގެ
ވަކީލު ވިދާޅުވީ، ވޯޓު ކަރުދާހުގައި ދެ ފާހަގަ ޖަހާފައި ވަނީ އޮޅިގެންކަމަށް ބުނި
ނަމަވެސް، އެއީ ހަގީގަތުގައިވެސް އޮޅިގެން ޖެހުނު ފާހަގައެއްކަން ޔަޤީން ކުރެވޭ ގޮތެއް
ނެތް ކަމަށާއި، މިސާލަކަށް އެއީ އޮޅިގެން ލެވުނު ފާހަގައެއް ނަމަވެސް އެ
ޙާލަތުގައިވެސް ވޯޓު ބާތިލުވާނެ ކަމަށެވެ. އަދި ކަރުދާހުގައި އިތުރު ފާހަގަ އާއި
ނިޝާންތައް ޖެހުމަކީ ވޯޓުގެ ސިއްރުކަން ކަނޑައެޅުމަށްވެސް ހުރަސް އެޅޭ ކަންކަން
ކަމަށް ވަކީލު ވިދާޅުވިއެވެ.
ހައިކޯޓުގައި
މި މައްސަލަ ބައްލަވަނީ، ފަނޑިޔާރު އިސްމާއީލް ޝަފީއު، އިސްފަނޑިޔާރު އަބްދުﷲ
ޖަމީލް މޫސާ، އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ.
ފަނޑިޔާރުން
ވަނީ ސުހާ އެދިފައިވާ ގޮތަށް ބާތިލު ބަންޑަލީގެ 17 ވަނަ ވޯޓަކީ ސައްޙަ
ވޯޓެއްކަމަށް ކަނޑައަޅުއްވާފައެވެ. އެހެންވެ އޭނާއާ އެމްޑީއޭގެ ކެންޑިޑޭޓުގެ
ވޯޓުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ. އެހެންކަމުން އިންތިޚާބުގެ ރަސްމީ ނަތީޖާ
އަލުން އިސްލާހުކޮށް އިއުލާނު ކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.
އެކަމާ
ގުޅިގެން އީސީން ވަނީ ރާއްޖޭގެ ބައެއް މީޑިއާތަކަށް އިންޓަވިއު ދީފައެވެ. އެގޮތުން
ހައި ކޯޓުގެ މި އަމުރާއެކު ދެ ކެނޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާކަން ކޮމިޝަނުން
ވަނީ ފާހަގަކޮށްފައެވެ.
ފާހަގަކޮށްލެވޭ
ގޮތުގައި ލ ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން
ވޯޓުލާފައިވާކަމަށް ބުނެ އެމްޑީއޭއިން އެ ކޮމިޝަނުގެ ކޮމްޕްލެއިންސް ބިއުރޯއަށް
މައްސަލަ ހުށަހެޅުމުން ޕީއެންސީ ކެންޑިޑޭޓުގެ އެ ވޯޓުވެސް ބާތިލުކަމަށް ކުރިން
ވަނީ ކަނޑައަޅާފައެވެ.