ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ދިގުދަންމާލައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން، ދައުރުގެ މުއްދަތު މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ޖަލްސާގައެވެ. 

ބުރާސްފަތި ދުވަހުގެ ޖަލްސާގައި އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 58 މެންބަރުން ވަނީ ދައުރު އިތުރުކުރަން ފެންނަކަމަށް ވޯޓުދެއްވާފައެވެ. ދައުރު ދަންމާލުމާ ދެކޮޅަށް ވޯޓުދެއްވީ 11 މެންބަރުންނެވެ.

އަހަރެއްގެ ފުރަތަމަ ދައުރު ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ނަމަވެސް ދައުރު ހަމަވާއިރު މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމި ހުރެއްޖެނަމަ، މަޖިލީހުގެ ނިންމުމަކުން ދައުރުގެ މުއްދަތު އިތުރުކުރެވޭނެކަމަށް މަޖިލީހުގެ ޤަވާއިދު ބުނެއެވެ. 

މަޖިލީހުގެ މިދިޔަ ދުވަސްތަކުގައި ގިނަ ޖަލްސާތަކެއް އެކި ސަބަބުތަކާހުރެ ކުރުކޮށް، ޖަލްސާތައް ކެންސަލް ކުރަމުންދިޔަ ނަމަވެސް، މިހާރު ދައުރު ދިގު ދަންމާލުމަށް ފާސްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.