ގާނޫނާއި ގަވާއިދާ ހިލާފަށް ދިވެހިރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ދުންފަތާއި، 75 ކާޓޫނު ސިނގިރޭޓް އަތުލައިގަނެފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ، ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ސިނގިރޭޓްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ. 

އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް އެކި ބުރޭންޑްތަކުގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގަ އެވެ.

ފުލުހުން ބުނީ، މި މެއި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަންގައި މާލެ، ގަލޮޅު ގެއަކާއި ހުޅުމާލެ ފޭސް 2 އަމާން ދޯދި އެޕާޓްމަންޓަކާއި، ވޭންއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓް ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ. 

މި މައްސަލާގައި ހިމެނޭ ވޭން ޓޯ ކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ. 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.