ނޫސްވެރިންގެ ހައްގުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ހުންނަވައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ފެހި ގާނޫނު އަސާސީން ރައްޔިތުންނަށް ފޯރުކޮށްދޭ އެއް ހައްގަކީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން ކަމަށެވެ. އަދި މި ހައްގުތަކަށް އަރައި ނުގަނެވޭނެ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ނޫސްވެރިއަކު ކުރާ ސުވާލަކާ ގުޅިގެން އެ ނޫސްވެރިޔާ ހިފާ ހައްޔަރު ކުރާ ކަމަށާއި، މިއީ ބަލައިގަންނާނެ ކަމެއް ނޫން ކަަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ނޫސްވެރިންގެ ހައްގުގައި އެމްޑީޕީން ކޮންމެ ދުވަހަކު ވެސް މުޒާހަރާ ކުރާނެ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މިކަމުގެ ނޭދެވޭ އަސަރު ފެންނާނެ ކަމަށާއި، ރާއްޖޭގެ ފުދުންތެރިކަމަށް ނުހަނު ބޮޑަށް ލޮޅުން އަރާނެ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވެ އެވެ. ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލާފައިވާއިރު، 12 މެއި 2026 ގަައި ޖަލަށްލި އަދަދުގެ ދެ ނޫސްވެރިން ކަމުގައިވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައިވެ އެވެ. 

މި މުޒާހަރާ ހޫނުވެ، ބާރުގެ ބޭނުން ކޮށްގެން މުޒާހަރާ ރޫޅާލިއިރު، 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.