ނޫސްވެރިންގެ
ޙައްޤުތަކަށް އުނިކަން އަންނަގޮތަށް، ނޫސްވެރިން ހައްޔަރު ކުރުމާއި، ޤާނޫނީ ޒިންމާތައް
އަދާކުރުމަށް ހުރަސް އަޅަމުންދާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައި
ނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

ބުރާސްފަތި
ދުވަހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު
މީކާއިލް އަހުމަދު ނަސީމެވެ.

މައްސަލައިގައި
ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާގެ ދަށުން ކޮންމެ ފަރުދަކަށްވެސް ނޫސްވެރިކަމާއި،
މުއާސަލާތީ ވަސީލަތްތައް
ބޭނުންކުރުމުގެ މިނިވަންކަމާއި، ޚަބަރާއި މަޢުލޫމާތާއި ޚިޔާލު ފާޅުކޮށް ފެތުރުމުގެ
ޙައްޤު ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

އެހެންނަމަވެސް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސްއާ ސުވާލެއްކޮށްގެން އަދަދު ނޫހުގެ ނޫސްވެރިޔަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށާއި،
ލިޔުނު ޚަބަރަކާ ގުޅިގެން އެ ނޫހުގެ އެހެން ނޫސްވެރިއަކަށް ވެސް ފިޔަވަޅު އަޅާފައިވާކަން
ފާހަގަކޮށް މައްސަލައިގައި ބުނެފައިވަނީ، އެ ނޫހަށް ރައީސް އޮފީހުގައި އޮންނަ
ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވުން މުޅިން މަނާކޮށްފައިވާކަމަށެވެ.

މީގެ
އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމުގައިވެސް ރާއްޖެ ފަހަތަށް ވެއްޓިފައިވާކަމަށާއި،
ރާއްޖޭގައި ނޫސްވެރިކަން ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޮޑުތަނުން ހީނަރުވެފައިވާކަމަށްވެސް
މި މައްސަލައިގައި ވަނީ ބުނެފައެވެ. އެހެންކަމުން ނޫސްވެރިންނަށް ކުރިމަތި
ކުރުވަމުންދާ ނުފޫޒުތައް ނައްތާލުމަށް މި މައްސަލައިގައި ވަނީ ގޮވާލާފައެވެ.

އެހެންނަމަވެސް
ރިޔާސަތުން ވަނީ މި މައްސަލަ ބޭރުކޮށްލާފައެވެ. ސަބަބެއްކަމަށް ފާހަގަ ކުރެއްވީ
ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ
މައްސަލައަކަށް ވާންވާނެކަމަށް މަޖިލީހުގެ ޤަވާއިދުގައި ބުނެފައިވުމެވެ. އެގޮތުން މީކާއީލް
ހުށަހެޅުއްވި މައްސަލައިގައި އޮތީ ނޫސްވެރިން ހައްޔަރުކުރިކަމަށް ކަމަށާއި،
ނަމަވެސް އެ ނޫސްވެރިންނަކީ ކޯޓުގެ ޙުކުމެއްގެ ދަށުން ބަންދުގައި ތިބި ބައެއްކަން
ރިޔާސަތުން ފާހަގަކުރިއެވެ.