ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅުންގެ ނަން ފޮނުއްވައިފި އެވެ.

ރައީސް މުއިއްޒު ވަނީ އާދަމް ޝަރީފް، ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަން ކުރައްވަން ނަން ފޮނުއްވާފަ އެވެ. އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ތޯރިގު އައްޔަން ކުރައްވަން ވަނީ ނަން ފޮނުއްވާފަ އެވެ.
ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ
.

ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު އައްޔަން ކުރައްވަނީ ގަތަރުގެ ސަފީރު ކަމަށް.
ތޯރިގާއި އާދަމް ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ 14 އޭޕްރީލް 2026 ގަ އެވެ. އޭގެފަހުން މި ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވާފަ އެވެ. އެ ބޭފުޅުން އައްޔަން ކުރެއްވި ސީދާ ތާރީޚެއް ސަރުކާރުން ހާމަ ނުކުރި ނަމަވެސް، ދެ ބޭފުޅުން ވެސް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް 27 އޭޕްރީލް 2026 ގައި ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. މި ބޭފުޅުންނާ އެކު، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް އެ މަގާމަށް އައްޔަންކުރެއްވި އެވެ. ނަމަވެސް ދިޔާނާގެ ނަން މަޖިލީހަށް ފޮނުވާފައެއް ނުވެ އެވެ. އަދި އޭނާ އައްޔަން ކުރައްވަނީ ކޮން ގައުމެއްގެ ސަފީރުކަމަށް ކަމެއް ސާފެއް ނުވެ އެވެ.
އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ރައީސް މުއިއްޒުގެ ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުން އެމަނިކުފާނު އަންގަވައިގެން ކުއްލި ގޮތަކަށް 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވި އެވެ. އަދި ކުންފުނިތަކުގެ ބައެއް ވެރިން ވަކި ކުރެއްވިއިރު، އަނެއްބައި ވެރީން އިސްތިއުފާ ދެއްވި އެވެ. ނަމަވެސް މިހާރު އެކި ބޭފުޅުންނަށް ސަރުކާރުގެ ތެރެއިން ދަނީ މަގާމުތައް ދެމުންނެވެ.