ޖަލަށްލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިންކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރު ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި އެވެ. 

ބުދަ ދުވަހުގެރޭ މުޒާހަރާ ފެށީ އެމްޑީޕީގެ މެންބަރުން ޗާންދަނީ މަގާއި މަޖީދީ މަގު ގުޅުނު ކަންމަތިންނެވެ. މި މުޒާހަރާގައި އެމްޑީޕީގެ އިސް ފަރާތްތަކުން ބައިވެރިވި އިރު ޖަލަށްލާފައިވާ ޝަހުޒާނާއި ލީވާނުގެ އާއިލާގެ މެންބަރުން ވެސް ބައިވެރިވި އެވެ. 

މުޒާހަރާގެ ބައިވެރިން މަޖީދީމަގުން އިރަށް ގޮސް އާޓިފިޝަލް ބީޗަށް މަޑުކުރުމަށްފަހު އެ ސަރަހައްދުން ޕީއެންއެފްއަށް ތާއިދުކުރާ ފަރާތްތަކުން ވެސް މުޒާހަރާގައި ބައިވެރިވެފައިވެ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެފަހުން މަޖީދީ މަގުން ގޮސް އަލިކިލޭގެފާނު މަގަށް މިސްރާބު ޖަހާފަ އެވެ. ނަމަވެސް ފުލުހުން ވަނީ އަލިކިލޭގެފާނު މަގުގެ މެދުން މުޒާހަރާގެ ބައިވެރިން ހުއްޓުވާފަ އެވެ. 

އަދި އެސަރަހައްދުން މުޒާހަރާގެ ބައިވެރިއަކު ފުލުހުން ހައްޔަރު ކުރި އެވެ. އަދި އެތަނުން މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހީ ޗާންދަނީ މަގަށެވެ. އަދި މަޖީދީމަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތީގައި މުޒާހަރާގެ ބައިވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. ނަމަވެސް ފުލުހުން އެސަަރަހައްދުން މުޒާހަރާގެ ބައިވެރިން ދުރަށްލުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. 

ބުދަ ދުވަހުގެ ރޭ މުޒާހަރާގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން މުޒާހަރާގައި ބޭނުން ކުރި ސޯފާއެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.