ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުރާސްފަތި ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅަން ނިންމައިފި އެވެ. 

އިތުބާރުހުރި ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަނީ، އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގެވި ނަމަވެސް އިސްތިއުފާ ނުދެއްވުމާއި ގުޅިގެނެނެވެ. އަދި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުރާސްފަތި ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ބޭނުންވާ މެންބަރުންގެ ސޮއި ހަމަކޮށްފައިވާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ. 

ބުރާސްފަތި ދުވަހުގެ ޖަލްސާގެ އެޖެންޑާ ވެސް މަޖިލީހުގެ އިދާރާއިން ވަނީ އާންމުކޮށްފަ އެވެ. ބުރާސްފަތި ދުވަހުގެ ޖަލްސާ ތާވަލުކޮށްފައިވަނީ ހެނދުނު 9:00 ގަ އެވެ. 

މައުލޫމާތު ދިން ފަރާތުން ބުނީ 24 މެންބަރުންގެ ސޮއި ހަމަކޮށް ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. އަދި މިކަން ކުރަމުންދަނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުފުޅުގެ ދަށުންނެވެ. 

ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރަން ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމީ ބުދަ ދުވަހުގެ ހެނދުނު 11:15 ގައި ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާއެކުގަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގައި މިހާރު 75 މެންބަރުން ތިއްބަވަ އެވެ.

ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕީޖީން ނިންމާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. ރައީސްގެ އެ ގްރޫޕުން ނާޒިމް ބޭރުކޮށްލާފައިވަނީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު އެވެ. ނަމަވެސް އޭނާ ގްރޫޕުން ބޭރުކުރި ސަބަބެއް ނުވަތަ ނައިބު ރައީސްކަމުން ވަކިކުރަން އުޅޭ ސަބަބެއް މިހާތަނަށް އެ ޕާޓީން އިންވެސް ޕީއެންސީ ޕީޖީ އިން ވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ނާޒިމާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ވަނީ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވެސް އޭނާ ވަކިކޮށްފަ އެވެ. މީގެ އިތުރުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ވެސް މިހާރު ވަނީ އޭނާ ބޭރުކޮށްލާފަ އެވެ.