2028 އަށް އެމްޑީޕީގެ އާއްމު މެންބަރުން ބޭނުންވަނީ ޕާޓީ ތެރޭގައި ހުރިހާ ބޭފުޅުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮންނާނެ ގޮތަކަށް އެއްބައިވަންތަ ގޮތަކަށް ޕާޓީ ބައްޓަން ކުރާނޭ ޗެއަރޕާސަނެއް ކަމަށް އެމް.ޑީ.ޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެެވެ. 

އަތޮޅު ތެރެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ފ އަދި ދ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރަށްފަހު ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ މި ދަތުރުގައި ގިނަ އަދަދެއްގެ އެމް.ޑީ.ޕީގެ ޢާއްމު މެންބަރުންނާއި ބައްދަލުވިއިރު އެންމެން އެއް އަޑަކުން ބުނަމުންދަނީ ބޭނުންވަނީ ދެހާސް އަށާވީސް އެމް.ޑީ.ޕީއަށް ކާމިޔާބުކޮށްދޭނެ ޗެއަރޕާސަނެއް ކަމަށެވެ.

މީކާއިލް ވިދާޅުވީ އެމް.ޑީ.ޕީގެ އާއްމު މެންބަރުން ބޭނުންވަނީ އެމް.ޑީ.ޕީއާއެކު ދެމިހުންނާނެކަމުގެ ޔަޤީންކަން އޮތް ޗެއަރޕާސަނެއް ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެމް.ޑީ.ޕީގެ ޢާއްމު މެންބަރުންނަށް ފާހަގަވަނީ ގޭހެއް ނުލިބޭ، ބޭހެއް ނުލިބޭ، ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލަމުންނޭ މި ދަނީ ބުނަމުން އަންނަ ކަމަށެވެ.

އެމް.ޑީ.ޕީގެ އާއްމު މެންބަރުން ފިކުރުކުރަނީ މި ހާލަތަށް މި ދިވެހި ޤައުމު ވެއްޓުނީ ކީއްވެގެންތޯ ކަމަށް މީކާއިލް ވިދާޅުވި އެވެ. ދެހާސް ތޭވީހުގެ އެ ހިތި ހަނދާންތައް އެމް.ޑީ.ޕީގެ އާއްމު މެންބަރުންގެ ހިތަކުން އަދި ފިލައިގެނެއް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސް އަށާވީސް ވެސް އެމް.ޑީ.ޕީގެ އާއްމު މެންބަރުން ބޭނުންވަނީ ޕާޓީ ތެރޭގައި ހުރިހާ ބޭފުޅުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮންނާނެ ގޮތަކަށް އެއްބައިވަންތަ ގޮތަކަށް ޕާޓީ ބައްޓަން ކުރާނޭ ޗެއަރޕާސަނަކާއެކު ކުރިއަށް ގެންދަން ކަމަށް މީކާއިލް ވިދާޅުވި އެވެ.

ފާފު އަދި ދާލު އަތޮޅުން މި އިތުބާރު ކެމްޕެއިނަށް ބޮޑު އަޣްލަބިއްޔަތެއް ނެގޭނެކަމާ މެދު ހިތުގައި ޝައްކެއް ނެތް ކަމަށް މީކާއިލް ވިދާޅުވި އެވެ. އިރާދަކުރެއްވިއްޔާ ފާފު އަދި ދާލު އަތޮޅު އިތުބާރަށް ވޯޓު އަޅާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މީކާއިލް އިތުރަށް ވިދާޅުވީ ބުރާސްފަތި ދުވަހު އެމް.ޑީ.ޕީގެ އާއްމު މެންބަރުންނަށް ހުށަހަޅާ ހުށަހެޅުންތައް ހިމަނައި މެނިފެސްޓޯ ލޯންޗިންގ އަށް ވީހާވެސް ގިނަ ބޭފުޅުން ރޭގަނޑު އަށްގަޑި ބަޔަށް އާޓިފިޝިއަލް ބީޗަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވާ ކަމަށެވެ.