މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު، ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި، ފެށޭ ހަފްތާގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް މީގެ ކުރިން ކުރައްވާފައިވާ އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ގެއްލިފައިވާ ހައެއްކަ މެންބަރުން އެބަތިބި ކަމަށެވެ. އެ މެންބަރުންނަކީ އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، މަޖިލިސް ފެށުމުގެ ކުރިންނާއި ފަހުން ޕީއެންސީ އަށް ސޮއިކުރެއްވި މެންބަރުންނެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން އަލީ ހުސެއިން ވިދާޅުވީ، މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު މިހާރު ހިނގަމުންދާ މަޖިލީހަށްވެސް ހިނގާނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، މިނިވަން މެންބަރުންގެ ގޮތުގައި އިންތިޚާބުވުމަށްފަހު ޕާޓީއަކާ ގުޅުމަކީ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނެސްފައިވާ އިސްލާހު 20 ވަނަ މަޖިލީހަށް ތަތުބީގު ކުރެވޭނެ ކަމަށެވެ. މާނަކުރުމުގެ ހަމަތަކަށް ބަލާއިރު، މަޖިލީހުން ހަދާ ގާނޫނުތަކަކީ ކުރިއަށް އޮތް ތަނަށް ހިނގާނެ އެއްޗެއް ކަމަށާއި، މަދަނީ ގާނޫނުތައް މާޒީއަށް ހިނގައިގެން ނުވާނެ ކަމަށް ބުނާ ހަރުކަށި އުސޫލެއް ނެތް ކަމަށްވެސް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ގާނޫނުއަސާސީ އަށް ގެނައި 6 ވަނަ އިސްލާހު މިހާރުގެ މަޖިލީހަށް ހިނގާނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބު ކުރެއްވި މެންބަރުންގެ ތެރެއިން ޕީއެންސީ އާ ގުޅިވަޑައިގެންނެވި 9 މެންބަރުންނަކީ:

1. ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ

2. ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުއްއަޒީޒު

3. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު

4. ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް

5. ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދު

6. ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް

7. ތިމަރަފުށި ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު

8. މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު

9. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުގައިވާ މައުލޫމާތަށް ބަލާއިރު، މިހާރު މަޖިލީހުގައި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރުންގެ ގޮތުގައި ތިއްބެވީ އެންމެ ދެ މެންބަރުންނެވެ. އެއީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން އެވެ. މި ދެ މެންބަރުން ފިޔަވައި އަމިއްލަ ގޮތުން ހޮވުނު އެހެން ހުރިހާ މެންބަރުން ވަނީ ރައީސް މުއިއްޒުގެ ޕީއެންސީ އަށް ބަދަލުވެފަ އެވެ.