ވޭވަށު
ކައުންސިލު މެމްބަރަކު ހޮވުމަށް ނެގުނު ވޯޓުގެ ނަތީޖާ ބާތިލުކުރަންޖެހޭ ފަދަ
ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޭވަށުގައި ބެހެއްޓުނު ފޮށީގެ ނަތީޖާއާ
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައެކެވެ. މި މައްސަލަ ހުށަހަޅާފައިވަނީ
ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުންނެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ
އެމްޑީޕީގެ ކެންޑިޑޭޓެވެ.

އެހެންކަމުން
މި މައްސަލައިގައި އެމްޑީޕީގެ މަސްލަހަތު ހިމެނޭތީ އެ ޕާޓީން ވަނީ މި މައްސަލައަށް
ތަދައްޚުލުވެސް ވެފައެވެ. އަދި މި މައްސަލައިގައި ތަދައްޚުލުވި އެމްޑީޕީން
އެދިފައިވަނީ އީސީން އިއުލާނުކޮށްފައިވާ ނަތިޖާއަކީ ދާއިމީ ނަތީޖާކަމަށް
ކަނޑައަޅައިދިނުމަށެވެ.  

މި
މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މައްސަލަ ދިމާވެގެން އުޅޭ ވޯޓުފޮށި
ގުނިއިރުވެސް އެމްޑީޕީގެ ކެންޑިޑޭޓު 2 ވޯޓުގެ ފަރަޤަކުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ.
އަދި ޕީއެންސީގެ ކެންޑިޑޭޓު ޝަކުވާ ހުށަހަޅައިގެން ވޯޓު އަލުން ގުނުމުންވެސް
އެމްޑީޕީގެ ކެންޑިޑޭޓު ވަނީ 2 ވޯޓުން އިންތިޚާބު ކާމިޔާބު ކޮށްފައެވެ.

މި
މައްސަލައިގައި ހިޔާލު އުފެދިފައިވަނީ ބާތިލު ވޯޓު ކަނޑައެޅުމުގައިކަމަށްވާއިރު،
އީސީން އަލުން ވޯޓު ގުނި މާލަމުގައި އެ ވޯޓުތައް ސައްޙަކަމަށް ކަނޑައަޅާފައިވަނީ
ކިހިނެއްކަން ސާފުކޮށް ކިޔާދީފައިވެއެވެ. އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަވެފައި
ހުރީ ކުރެހުމެއް ނޫނެވެ. އެއީ ވޯޓު ކަރުދާސް ޕްރިންޓު ކުރުމުގައި ދެލި ފޭދިފައިވާ ކަރުދާސްކަމަށްވާތީ
އީސީން ވަނީ އެ ކަރުދާސްތައް ސައްޙަކަމަށް ބަލައިގެންފައެވެ. އެއީ 3 ކަރުދާހެކެވެ.

އީސީން
އެގޮތަށް ނިންމީ ވޯޓު ލުމަށް ބޭއްވިފައި އޮތީ ނޫކުލައިގެ ގަލަމަކަށްވެފައި، އެ ތިކިތައް
ހުރީ ކަޅުކުލައިންކަމަށް ވުމާއި، އެ ތިކިތައް ގަލަމެއްގެ ތުނޑަށްވުރެ ކުޑަވުމުގެ
ސަބަބުންނެވެ.

މައްސަލަ
ހައިކޯޓުގައި ކުރިއަށްދިޔައިރު ނޮވެލްޓީން އީސީއަށް ދިން ޖަވާބުގައި ބުނެފައިވަނީ ކަރުދާސް ޕްރިންޓު
ކުރުމުގެ ތެރޭގައި އެގޮތަށް ކުޑަ ތިއްކެއް ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. ނަމަވެސް
އެ ލިއުން އީސީން ކޯޓަށް ހުށަހަޅާފައިވަނީވެސް އަޑުއެހުންތައް ނިމިފައިވަނިކޮށެވެ.

ހައިކޯޓުގެ
ފަނޑިޔާރުން ވިދާޅުވީ، ވޯޓު ކަރުދާހެއްގައި ފާހަގައެއް ނުވަތަ ނިޝާނެއް އޮވެގެން
ނުވާނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ވަކި ނިޝާނެއް ހުރުމަކީ
ވޯޓުގެ ސިއްރުކަންވެސް ގެއްލޭނެ ކަމެއް ކަމަށެވެ. އަދި ވަކިވަކިން ކަރުދާސްތައް
ޗެކްކޮށް، އެފަދަ ނިޝާނެއް ނެތްކަން ކަށަވަރު ކުރުމަކީ އީސީގެ ޒިންމާއެއްކަން ޝަރީއަތުން
ފާހަގަކުރިއެވެ.

އެއީ ޕްރިންޓު
ކުރުމުގައި ދިމާވި ކަމެއްނަމަވެސް، އޭގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލޭނަމަ އެއީ
ސައްޙަ ވޯޓުކަމަށް ބަލައިގަނެވިގެން ނުވާނެކަންވެސް ޝަރީއަތުން ފާހަގަކުރިއެވެ.

އެހެންނަމަވެސް،
އިންތިޚާބެއްގެ ރަސްމީ ނަތީޖާ ބާތިލުކޮށް އަލުން އިންތިޚާބު ބާތިލުކުރަންޖެހޭ
ސަބަބެއް މި މައްސަލައިގައި އޮތްތޯ ބަލާއިރު، މި 3 ވޯޓަކީ މުޅި އިންތިޚާބުގެ
ނަތިޖާއަށް ބަދަލު އަންނާނެ ފަދަ ވޯޓުތަކެއް ނޫންކަން ޝަރީއަތުން ފާހަގަކުރިއެވެ.

ހައިކޯޓުގައި
މި މައްސަލަ ނިންމެވީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ, ފަނޑިޔާރު
އަލްއުސްތާޛު އިބްރާހީމް މާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު
އިބްރާހީމްއެވެ.