މި ހަފުތާގެ ތެރޭގައި މާލޭ ސަރަޙައްދުން ދެ މީހަކު ހިމަބިއްސަށް (މީސަލްސް) ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުދަ ދުވަހު ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި، ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލި ޖެހުނު ގޮތް ދެނެގަތުމަށްޓަކައި ކޭސް އިންވެސްޓިގޭޝަން ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން، ބަލިޖެހުނު މީހުންނާ ބައްދަލުވި މީހުން ދެނެގަތުމާއި، އެ ފަރާތްތަކަށް ބޭނުންވާ ވެކްސިން ދިނުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމުލަ ފަސް ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ހިމެނޭކަން އެޗްޕީއޭ އިން ފާހަގަކުރެ އެވެ. މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަދި އަވައްޓެރި ގައުމުތަކުގައި ވެސް މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެކެވެ.
2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް އޭގެ ފަހުން 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ރާއްޖެއިން ފެނިފައިވެ އެވެ.
ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެކެވެ. ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.