ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުން ބުދަ ދުވަހު ނިންމައިފި އެވެ.

މި ގޮތަށް ނިންމާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 11:15 ގައި ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ނާޒިމް މަގާމުން ދުރުކުރުމަށްޓަކައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމާފަ އެވެ. އަދި އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާއެކުގަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގައި މިހާރު 75 މެންބަރުން ތިއްބަވަ އެވެ.

ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕީޖީން ނިންމާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. ރައީސްގެ އެ ގްރޫޕުން ނާޒިމް ބޭރުކޮށްލާފައިވަނީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު އެވެ. ނަމަވެސް އޭނާ ގްރޫޕުން ބޭރުކުރި ސަބަބެއް ނުވަތަ ނައިބު ރައީސްކަމުން ވަކިކުރަން އުޅޭ ސަބަބެއް މިހާތަނަށް އެ ޕާޓީން އިންވެސް ޕީއެންސީ ޕީޖީ އިން ވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ނާޒިމާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ވަނީ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވެސް އޭނާ ވަކިކޮށްފަ އެވެ. މީގެ އިތުރުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ވެސް މިހާރު ވަނީ އޭނާ ބޭރުކޮށްލާފަ އެވެ.

ފަހަކަށް އައިސް ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ނާޒިމް މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް އެ ދުވަސްވަރު ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. ނަމަވެސް މިއަދުގެ ނިންމުމާ ގުޅޭގޮތުން ޕީއެންސީގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.