ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ދެ ނޫސްވެރިއަކު ޖަލަށްލުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާ އެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ. 

އަދަދުގެ ދެ ނޫސްވެރިން ކމުގައިވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާން 12 މެއި 2026 ގައި ޖަލަށް ލުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ޓްރާންސްޕޭރެންސީ އިން ބުނީ،  އެ ދެ ނޫސްވެރިން ވަގުތުން މިނިވަން ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެކަށީގެންވާ ފުރުސަތެއް ދީފައި ނުވާކަން ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުނީ، އަދުލުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް އުފެދޭ ކަމަށެވެ. 

މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ޖަވާބުދާރީ ކުރުވުމަށް އޮންނަ ބާރު ކެނޑިގެންދާ ކަމަށާއި، މިއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ވަރަށް ބޮޑު ހަމަލާއެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ. 

ކްރިމިނަލް ކޯޓުން، ނޫސްވެރިޔާ ލީވާން 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވަނީ އަދަދު ނޫހުގައި ލިޔުނު ޚަބަރަކާއި ގުޅިގެންނެވެ. އަދި ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ރައީސް މުއިއްޒުއާ ސުވާލުކުރި މައްސަލައަކާ ގުޅިގެންނެވެ.

މި ދެ ނޫސްވެރިން ޖަލަށް ލުމާއި ގުޅިގެން ރާއްޖެ އާއި ބޭރުގެ ގިނަ ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކުންގެ އިތުރުން ކުރީގެ ރައީސުންނާއި، ސިޔާސީ އިސް ބޭފުޅުން އަދި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ދަނީ މިކަމުގެ ކަންބޮޑުވުންފާޅު ކޮށް އެ ދެ ނޫސްވެރިން ވަގުތުން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި މިއީ މިނިވަން ނޫސްވެރިކަމާއި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް މިސަރުކާރުން ދިން ވަރަށް ވަރުގަދަ ހަމަލާއެއް ކަމަށާއި، ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި ކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.