ރައީސުލްޖުމްހޫރިއްޔާ
ޑރ މުޙައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މިނިވަން ތަހުގީގެއް
ހިންގުމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.
އެމްޖޭއޭއިން
އެގޮތަށް ގޮވާލާފައިވަނީ އަދަދު ނޫހުގެ ދެ ނޫސްވެރިން ކްރިމިނަލް ކޯޓުގެ ޙުރުމަތް
ކެނޑިކަމަށް ނިންމައި ޖަލަށް ލުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު
ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް
ކުރެވޭ ޖިންސީ ގޯނާ އާއި، ފުރައްސާރަ އާއި، އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ
ތުހުމަތުތަކާ ގުޅޭގޮތުން ޚަބަރު ފެތުރި ދެ ނޫސްވެރިއަކު ދިވެހިރާއްޖޭގައި ޖަލަށްލާފައިވާ
ކަމަށެވެ. އަދި މިއީ މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓިކް ހައްގުތައް ފަހަތަށް ސޮއްސާލައިގެން
ގޮސްފައިވާ މިންވަރު ސާފުކޮށް ދަލީލުކޮށްދޭ ކަމެއްކަންވެސް ބަޔާނުގައި
ފާހަގަކޮށްފައިވެއެވެ.
ކްރިމިނަލް
ކޯޓުން 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު،
އޭނާ ޖަލަށް ލުމަށް ޙުކުމްކޮށްފައިވަނީ ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް ދަންވަރުގެ
ވަގުތުތަކުގައި ރައީސް މުއިއްޒު ކުރެއްވި ކަމަށް ތުހުމަތުވާ ފޯނު ކޯލުތަކަކާ ގުޅޭގޮތުން
ސުވާލުކުރުމުންނެވެ.
'މީގެ އިތުރުން، އަދަދު'
ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ،
މި ތުހުމަތުތަކާއި އަދި 'އަދަދު' ނޫހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޙުސައިން ފިޔާޒް
މޫސާ އާއި މެނޭޖިންގ އެޑިޓަރ ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ޤަޛްފުގެ ޖިނާއީ
ދައުވާތަކާއި ޝަރީއަތުގެ ވާހަކަ ވެސް ހިމެނޭ ގޮތަށް، އާންމުކޮށް ވާހަކަދެއްކުން މަނާކޮށް
ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ (ގޭގް އޯޑަރ) ގުޅޭގޮތުން ލިޔެފައިވާ ޚަބަރަކާ
ގުޅިގެންނެވެ.
ޕްރޮސެކިއުޓާ
ޖެނެރަލްގެ އެދުމުގެ މަތިން، ކްރިމިނަލް ކޯޓުން ވަނީ މި ތުހުމަތުތަކާއި، ދައުވާތަކާއި
އަދި ޝަރީއަތާ ގުޅޭގޮތުން ސީދާކޮށް ނުވަތަ ނުސީދާކޮށް ނަމަވެސް ވާހަކަދެއްކުން އެންމެހާ
އާންމުންނަށް ފުޅާދާއިރާއެއްގައި ޝާމިލްވާ ގޮތަށް އަމުރެއް ނެރެފައެވެ. މީގެ ސަބަބުން
ނޫސްވެރިންނަށް ޚަބަރު ފެތުރުމަށް ހުރަސްއެޅި، މަޢުލޫމާތު ހޯދައި ލިބިގަތުމަށް އާންމު
ރައްޔިތުންނަށް ލިބިގެންވާ ހައްގުން ވަނީ މަހުރޫމުވެފައިވާކަން ފާހަގަކޮށް
އެމްޖޭއޭއިން ބުނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން
ހަނިކުރާ މި އަމުރަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާތަކުން
ލާޒިމުކުރާ، ލީގަލިޓީ، ނެސެސިޓީ އަދި ޕްރޮޕޯޝަނަލިޓީގެ މިންގަނޑުތަކަށް ފެތޭ އަމުރެއް
ނޫން ކަމަށެވެ.
އެހެންކަމުން
ކަމާބެހޭ ކޯޓުގައި މި އަމުރު އިސްތިއުނާފުކުރުމަށް އެ ޖަމިއްޔާއިން މަސައްކަތް
ކުރަމުންދާކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިނިވަން
ނޫސްވެރިކަމުގެ އަޑުކަނޑުވާލުމަށްޓަކައި، ވެރިކަންކުރާ ބާރާއި، ޝަރުޢީ ދާއިރާއިން ކުރަމުންދާ
މަސައްކަތްތައް އެމްޖޭއޭ އިން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ލީވާން
އާއި ޝަހުޒާން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ހުރިހާ އިދާރާތަކަށް
އެމްޖޭއޭ އިން ވަނީ ގޮވާލާފައެވެ.
އެމްޖޭއޭއިން އިތުރަށް ބުނެފައިވަނީ، ވެރިކަމުގެ
އެހެން ބާރުތަކުގެ މައްޗަށް އަތްގަދަކޮށްފައިވާ ސަރުކާރަކާއި، އިންތިހާއަށް ސިޔާސީކޮށްފައިވާ
ޝަރުއީ ނިޒާމު ގުޅިލާމެހިފައިވާ މިންވަރުގެ ސަބަބުން ސީރިއަސް ސުވާލުތަކެއް
އުފެދިފައިވާ ކަމަށެވެ. އަދި ސިޔާސީވެފައިވާ
ޝަރުއީ ނިޒާމުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިން ކަންކަން ކުރިއަށްދިއުމުގެ ހައްގާއި
(ޑިއު ޕްރޮސެސް)، އަދުލުވެރި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ކަށަވަރުނުވާނެ
ކަމުގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަންވެސް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން
މިތުހުމަތުތަކާ ގުޅޭގޮތުން މިނިވަން، އިންސާފުވެރި، ވަކިއަތަކަށް ނުޖެހޭ އަދި އިތުބާރުހުރި
ތަހުގީގެއް ލަސްކުރުމަކާ ނުލައި ކުރިއަށް ގެންދިއުމަށް ހުރިހާ އިދާރާތަކަށް އެމްޖޭއޭއިން
ވަނީ ގޮވާލާފައެވެ.