ދ. ކުޑަހުވަދޫގެ ރައްޔިތުން އެންމެ އެދޭ އެއްކަމަކީ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެރަށުގައި ގާއިމްވެގެން ދިއުން ކަމަށާއި، ނަމަވެސް މިސަރުކާރުގައި މިކަން ކުރެވޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ޝާތިރު ވަނީ ކުޑަހުވަދޫގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާއި، މިފަހުން ބޭއްވިގެން ދިޔަ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް މިހާރު ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަހުވަދޫގެ ރައްޔިތުން އެންމެ ބޭނުންވާ މަޝްރޫއަށް އިޝާރާތް ކުރައްވައި ޝާތިރު ވިދާޅުވީ ރަނގަޅު ސިއްހީ ޚިދުމަތް ރަށުގެ ރައްޔިތުން ވަރަށް ބޭނުންވާ ކަމަށާއި، 50 އެނދުގެ ޒާމާނީ ހޮސްޕިޓަލެއް ގާއިމް ކުރަން ބޭނުންވާ ކަމަށެވެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހޮސްޕިޓަލުގެ ބިންގާ އެޅި ނަމަވެސް މިއަދާ ހަމައަށް މިމަޝްރޫއުގެ އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މިސަރުކާރުގައި މި ހޮސްޕިޓަލް އެޅޭނެ ކަމާމެދު އެއްވެސް އުއްމީދެއް ނެތް ކަމަށެވެ. 

ކުޑަހުވަދޫގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއްކަމަކީ އެމްޑީޕީ ސަރުކާރުގައި ވެސް މަސައްކަތް ކުރަމުން އައި އެކި ގޮތްގަތަށް މަސައްކަތް ކުރަމުން އައި 50 އެނދުގެ ހޮސްޕިޓަލެއް ހުޑަހުވަދޫގައި އިމާރާތް ކުރުމަށް. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެ ހޮސްޕިޓަލް ގެ ބިންގާ އެޅި ރައީސް މުއިއްޒު ވަޑައިގެން. އެއީ ބިންގާ އަޅާފައި އެ ދުވަހު އެރޭގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކޮށް ވިދާޅުވި ވާހަކަ މުހުސިން ބައްލަވާ ރައީސް އޮފީހުގެ ވެބްސައިޓްގައި ހުންނާނެ. އިރާދަކުރެއްވިއްޔާ ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް މިފެށުނީއޭ. ބާރު ސްޕީޑްގައި ގޮސް ހޮސްޕިޓަލް ނިންމާލަދޭނަމޭ. އެއީ 2024 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 27 ވަނަ ދުވަސް. 
އެމްޑީޕީ ގައުމީ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން

ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވިދާޅުވީ، ކުޑަހުވަދޫ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށާއި، ޑައަލިސިސް ޚިދުމަތާއެކު، ޚިދުމަތްތައް އިތުރުކުރާނެ ކަމަށެވެ. އަދި ހޮސްޕިޓަލް އާ އިމާރާތް ވެސް އަޅާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ. 

މީގެ އިތުރުން ޝާތިރު ވަނީ އެރަށުގައި ހިނގާ އެހެން މަޝްރޫއުތަކަށް ވެސް އަލިއަޅުއްވާލަފަ އެވެ. 

ޝާތިރު ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި ކަމަށާއި، މަސައްކަތް ކުރިއަށް ގެންދިޔައީ މަޖިލިސް އިންތިޚާބާއި، މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ކަމަށެވެ. އަދި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ފޭސް-2 ގެ މަޝްރޫއު 2024 ވަނަ އަހަރު ސޮއި ކުރި ނަމަވެސް މިއަދާ ހަމައަށް އެންމެ މަގެއް ހެދުމުގެ މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

ޝާތިރު ވިދާޅުވީ ރަށުގެ ތަރައްގީ ހުއްޓިފައި އޮތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވައުދުފުޅަކީ ރައްޔިތުންގެ ލޮލުގައި އަޅުވާ އަނދުނެއް ކަމަށާއި، ވައުދު ފުއްދާނެ ބޭފުޅެއް ނޫންކަން ރައްޔިތުން މިއަދު ގަބޫލުކުރާ ކަމަށެވެ.