ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މީހެއްގެ މައްޗަށް ކުށްސާބިތުވެ 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ. 

މި މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ފުލުހުން ބުނީ، މި މައްސަލަ ރިޕޯޓު ކުރެވުމާއެކު ތަހުގީގު ފެށި ކަމަށާއި، މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައިވާ ކަމަށެވެ. 

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މުރަކަ / ގއ. ކަނޑުހުޅުދޫ، ޝަރަފުﷲ އިސްމާޢީލް (43އ) ގެ މައްޗަށެވެ.

ފުލުހުން ބުނީ، އޭނާ ގެ މައްޗަށް ދައުވާކޮށްފައިވަނީ (ގާނޫނު ނަންބަރު 12/2009) ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. 

މި މައްސަލާގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، ޝަރަފުﷲ އިސްމާޢީލްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޯޓުން 30 އެޕްރީލް 2026 ވަނަ ދުވަހު ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. 

ރާއްޖެއަކީ ކުށް މަދު، އަމާން މުޖުތަމައެއް ގާއިމުކުރެވިފައިވާ ތަނަކަށް ހެދުމަށްޓަކައި ފުލުހުން ހުއްޓުމެއް ނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާއަށް އެމުނިގެން ދިޔަ އިތުރު ބޮޅެއް ކަމަށް ކަމަށް ފުލުހުން ބުނެ އެވެ.