ދިވެހިރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ބުދަ ދުވަހުގެ ހެނދުނު 9:30 ން މެންދުރުފަހު 3:30 ށެވެ. 

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 8 ނުވަތަ 5 ފޫޓު ހުންނާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އަބަދުވެސް މާލެސިޓީގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކަށް ތަފާތު އެކިވަރުގެ ގެއްލުންތައް ލިބެ އެވެ. ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވުމާއި، ގޭބިސީތަކަށް ފެންވަދެ، މުދަލަށް ގެއްލުން ލިބުމާއި، ގަދަ ވަޔާއެކު ގަސްތައް ވެއްޓުމާއި، ފުރާޅު އެއްލުން ފަދަ ނުރައްކާތެރި ހާދިސާތައް ހިނގަ އެވެ. އަދި ކަނޑުމަތީގެ ވެސް ހާދިސާތައް ހިނގާ މިންވަރު އިތުރުވެ އެވެ.

އެެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުތަކަށް ދިނުމަށް ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.