ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ވަޓްސްއަޕް ގްރޫޕަކުން ބޭރުކޮށްލައިފިއެވެ. 

ޕީއެންސީގެ މަޖިލިސް މެމްބަރުން މުއާމަލާތު ކުރަން ބޭނުން ކުރާ ވަޓްސްއެޕް ގްރޫޕަކުން ނާޒިމް ވަކިކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ ކަމަށް ވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީ އިންވެސް އޭނާ  ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

އެހެންނަމަވެސް އޭނާ ވަޓްސްއަޕް ގްރޫޕުން ބޭރުކުރި ސީދާ ސަބަބެއް ސާފެއް ނޫނެވެ. 

 ނާޒިމް އާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް ދިވެހި ފުލުހުންގެ ޚިދުމަތުން އެކުލަވާލާފައިވާ ކަމަށްވެސް މިފަހުން އަޑުފެތުރިފައިވެއެވެ. ބައެއް ނޫސްތަކުން އެކަން ކަށަވަރު ވެފައިވާކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް އެ ވާހަކަތައް މި ސަރުކާރުގެ ދާޚިލީ ވަޒީރު އަލީ އިޙްސާން ވަނީ ދޮގު ކުރައްވާފައެވެ.