ޝަރީއަތުގައި ހިނގަމުންދާ ކަމަކާ ގުޅިގެން
ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ނެރޭ އަމުރު (ގެގް އޯޑަރ) ނެރުމުގެ ބާރު
ކޯޓުތަކުގެ ޤާނޫނުގެ ދަށުން ލިބެނީ ހަމައެކަނި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށެވެ.
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ
ވާހަކަދެއްކުން ހުއްޓުވައި "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ
އުޞޫލެއްގޮތުގައި ރާއްޖޭގެ ޤާނޫނުގައި އޮންނަކަމެއް ނޫނެވެ.
ދެން އޮތީ ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނެވެ. އެ
ޤާނޫނަށް ބަލާއިރު، ޤާނޫނުގެ 22 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ސުޕްރީމްކޯޓަށް
ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން މި ޤާނޫނާއި ސުޕްރީމްކޯޓުގެ
ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، އަދި އެފަދަ
މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޢަދުލު އިންޞާފު ޤާއިމުކޮށް
ދެމެހެއްޓުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި
ހިފިޔަނުދިނުމަށާއި އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު
ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވަނީ ސުޕްރީމް
ކޯޓަށް ކަމަށެވެ.
މީގެ އިތުރުން، މި ޤާނޫނާއި ސުޕްރީމްކޯޓުގެ
ގަވާއިދުގައި ހިމެނޭ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ކޯޓުގެ
އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެމަތިން،
ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ނުވަތަ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން
ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން، ނެރެންޖެހޭ
އެކިއެކި އަމުރު ނެރުމުގެ ބާރުވެސް ލިބެނީ ސުޕްރީމް ކޯޓަށެވެ.
ދެން އޮތީ ރާއްޖޭގައި އަމަލުކުރަމުންދާ ޖިނާއީ
އިޖުރާއަތުގެ ޤާނޫނެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވެސް މި ބާވަތުގެ
އަމުރުގެ ވާހަކައެއް ނެތެވެ.
ރާއްޖޭގައި އަމަލުކުރަމުންދާ ޤާނޫނުތަކާއި
ޤަވާއިދުތަކަށް ބަލާއިރު، މިބާވަތުގެ އަމުރާ އެންމެ ގާތްކުރާ މާއްދާއެއްގެ ގޮތުގައި
އޮތީ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގެ 47 ވަނަ މާއްދާއެވެ. އެ
މާއްދާގައި އޮންނަނީ އެ ބާބުގައި ބަޔާންކޮށްފައިވާ އަމުރުތައް ފިޔަވައި ޤާނޫނު
ތަންފީޒު ކުރާ އިދާރާތަކަށް ކޯޓު އަމުރު ހޯދައިގެން މެނުވީ ނުކުރެވޭނެކަމަށް
ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގައި ކޯޓު އަމުރަށް އެދި ހުށަހަޅާނެ ގޮތާއި، ކޯޓުން
ނެރޭ އެހެނިހެން އަމުރުތައް އޮންނަންވާނެ ގޮތުގެ ވާހަކައެވެ.
އެހެންކަމުން މިހާރު ހުރި ޤާނޫނުތަކާއި
ޤަވާއިދުތަކަށް ބަލާއިރު، ގެގް އޯޑަރ ނެރުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި
ސުޕްރީމް ކޯޓަށްކަމަށް ބުނެވިދާނެއެވެ. ސަބަބަކީ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ
މާއްދާއިން ސުޕްރީމް ކޯޓަށް އެފަދަ އަމުރުތައް ނެރުމުގެ ބާރު ލިބިދޭތީއެވެ. ޤާނޫނުތަކާއި
ޤަވާއިދުތަކުން ރާއްޖޭގެ އެންމެ މަތީ ކޯޓަށް ކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ހުރިހާ
ކަންކަމަކީ ދެން ހުރި ހުރިހާ ކޯޓަކަށް ކުރެވިދާނެ ކަންކަމެއްވެސް ނޫނެވެ.
އެހެންނަމަވެސް ކްރިމިނަލް ކޯޓުން ދާދި ފަހުން
ވަނީ ގެގް އޯޑަރެއް ނެރެފައެވެ. އެ އަމުރުގައި ޙަވާލާދީފައިވަނީ ސުޕްރީމް ކޯޓުން ދެ
ގަޒިއްޔާއެއްގައި ނެރެފައިވާ އަމުރަކަށެވެ.
އޭގެ ތެރެއިން އެއް އަމުރަކީ ޓެރަރިޒަމްގެ
މައްސަލައެއްގައި ދައުވާ އުފުލާފައިވާ މުޙައްމަދު އަމީންގެ އިސްތިއުނާފު
މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު އެ ކޯޓުން ނެރުނު އަމުރެކެވެ.
އެ އަމުރުގައި އޮންނަނީ ކޮންމެ މީހަކީވެސް ކުށް ސާބިތުވުމުގެ ކުރިން މައުސޫމު
މީހެއްކަމަށް ބެލުމުގެ ޙައްޤު އޮންނާނެ ކަމަށާއި، މައްސަލައިގައި ވަކި ގޮތެއް
ކަނޑައެޅެންދެން ޤާނޫނުއަސާސީގައި ބުނެފައިވާ މި ޙައްޤަށް އުނިކަން އަންނާނެ ފަދަ
އެއްވެސް ހިޔާލެއް އަދި ޚަބަރެއް ފެތުރުން މަނާކޮށް، އެއީ ކޯޓުގެ ޙުރުމަތް
ކެނޑުންކަމަށް ބެލެވޭނެކަމަށެވެ.
އަމީންގެ މައްސަލައިގެ މި އަމުރަކީ ރާއްޖޭގައި ކޯޓަކުން ނެރުނު މިފަދަ ފުރަތަމަ ގެގް އޯޑަރުވެސް މެއެވެ.
ދެން ޙަވާލާދީފައިވާ އަމުރަކީ ސީލައިފް
މައްސަލައިގައި އަހުމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލި ދައުވާއާ
ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ. އެ އަމުރުގައިވެސް
ބަޔާންކޮށްފައިވަނީ ހަމަ އެބީދައިންނެވެ. އެގޮތުން ކޯޓުން ވަކި ގޮތެއް
ކަނޑައެޅެންދެން، އޭނާއަކީ މައުސޫމު މީހެއްކަމަށް ބެލުމުގެ ޙައްޤަށް އުނިކަން
އަންނާނެ ފަދަ އެއްވެސް ގޮތަކަށް، ހިޔާލުފާޅުކުރުމަކީ ކޯޓުގެ ޙުރުމަތް
ކެނޑުންކަމަށް ބެލެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޖުމުލަކޮށް މި ދެ އަމުރަށް ބަލާއިރުވެސް
ފެންނަން އޮތީ އެ މައްސަލައާ ގުޅޭ އެއްވެސް ޚަބަރެއް ގެނެސްދިނުން މުތުލަޤަށް
މަނާކޮށްފައި ނުވާކަމެވެ. އޭގެ ބަދަލުގައި ޤާނޫނުގައިވާ މިންގަނޑުތަކުން ޚަބަރު
ފެތުރުމުގެ މަގު ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރެފައިވާ، އަދި ކްރިމިނަލް ކޯޓުން
ޙަވާލާދީފައިވާ މި ދެންނެވި ދެ އަމުރުންވެސް ހުޅުވާލެވިފައިވާކަން ފާހަގަވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރުގެ ދާއިރާއަށް
ބަލާއިރުވެސް ފެންނަން އޮތީ ހަނި ދާއިރާއެކެވެ. އެހެންނަމަވެސް، ކްރިމިނަލް ކޯޓުން
އަމުރު ނެރެފައިވަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަމާޒުވާ ގޮތަށެވެ. ވަކި
ކަމެއް ކޮށްފިނަމަ ހުރިހާ ރައްޔިތުންވެސް ކުށްވެރި ކުރެވޭ ގޮތަށެވެ. އަމުރުގެ ދާއިރާއަކީ
އިންތިހާއަށް ފުޅާ ދާއިރާއެކެވެ. ނަމަވެސް ސުވާލަކީ ކްރިމިނަލް ކޯޓަށް ގެގް އޯޑަރ
ނެރުމުގެ ބާރު އެބައޮތްތޯއެވެ؟ ޤާނޫނު މިހާރު އޮތް ގޮތުން އެ ބާރު އޮތީ ސުޕްރީމް
ކޯޓަށް އެކަންޏެވެ.