ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި
ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން
ރައީސުލްޖުމްހޫރިއްޔާއާ ސުވާލެއް ކުރުމާއި ގުޅިގެންނާއި، ކްރިމިނަލް ކޯޓުން
ނެރެފައިވާ އަނގަބަންދު އަމުރެއް ނެރުނު ވާހަކަ އަދަދު ނޫހުގައި އެ ނޫހުގެ ނޫސްވެރިޔާ
ލީވާން އަލީ ނަސީރު ލިޔެ ރިޕޯޓު ކުރުމާ ގުޅިގެން އެ ދެ ނޫސްވެރިންގެ މައްޗަށް
ކޯޓުގެ ޙުރުމަތް ކެނޑިކަމުގެ ތުހުމަތުކޮށް، އެ ނޫސްވެރިން ޖަލަށް ލުމަށް ދިވެހިރާއްޖޭގެ
ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާތީ ރާއްޖެޓީވީން އެކަން ހަރުކަށި އިބާރާތުން
ކުށްވެރިކޮށްފިއެވެ.
އަންގާރަ ދުވަހުގެރޭ ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް މީޑިއާގެ
ޙައިސިއްޔަތުން ރާއްޖެޓީވީން ދެކެނީ މިވަގުތު ދިވެހިރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް
ކުރުމަށް ޖާގަ ނެތް ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ދީފައިވާ އަސާސީ
ޙައްޤެއްކަމުގައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް މިވަގުތު ރާއްޖޭގައި
ޖާގަނެތްކަމަށް ރާއްޖެޓީވީން ދެކޭކަން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ރައީސް މުއިއްޒުގެ ސަރުކާރުން
ނޫސްވެރިންނަށް ތަކުރާރުކޮށް ބިރުދައްކައި، މިނިވަން ނޫސްވެރިކަމެއް ކުރުމަށް ތަކުރާރުކޮށް
ހުރަސް އަޅަމުންދާ ދިއުމަކީ ރާއްޖޭގައި އޮތް މިނިވަން ނޫސްވެރިކަމާއި، ހިޔާލު ފާޅު
ކުރުމުގެ މިނިވަންކަން މަރާލާއި، ނައްތާލުމަށް ރާވައިގެން، ޝަރުއީ ދާއިރާއަށް
ނުފޫޒު ފޯރުވައިގެން ހިންގަމުންދާ ފިނޑި އަމަލުތަކެއްކަމަށް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރާއްޖެޓީވީން ދެކޭ ގޮތުގައި ސަރުކާރަށް ތާއީދުކޮށް،
ސަނާ ކިޔާ މީޑިއާތައް ފިޔަވައި އެހެން ނޫސް، މީޑިއާތަކަށާއި ނޫސްވެރިންނަށް މިވަގުތު
ރާއްޖޭގައި އޮތީ ބިރުވެރި، ނާމާން މާހައުލެއް ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ގިނަ ނޫސްވެރިން
ތިބީ އެމީހަކު ލިޔާ ލިއުމަކުން، ފާޅު ކުރާ ހިޔާލަކުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި
ކޯޓަށް ހާޒިރުކޮށް، ޙުކުމްކޮށް، ޖަލަށް ލާނެކަމުގެ ބިރުވެރިކަމެއްގެ ތެރޭގައިކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން މިކަންކަން ހަރުކަށި އިބާރާތުން
ކުށްވެރި ކުރުމާއެކު، މިފަދަ ފިނޑި އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށާއި،
ޖަލަށް ލާފައިވާ އަދަދު ނޫހުގެ ދެ ނޫސްވެރިން މިހާރުން މިހާރަށް ދޫކޮށްލުމަށް
ދިވެހި ސަރުކާރަށް ރާއްޖެޓީވީން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ.
އަދަދު ނޫހުގައި ލިޔުނު ހަބަރަކާއި ގުޅިގެން އެ ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު 10 ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްފައިވަނީ އަންގާރަ ދުވަހުއެވެ.