އޮންލައިން ނޫސް "އަދަދު" ގެ ނޫސްވެރިން ކަމަށްވާ ޝަހްޒާން މުހައްމަދު އާއި ލީވާން އަލީ ނަސީރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ދެވުނު ބިރުވެރި އިންޒާރެއް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އަނދިރި ދުވަހެއް ކަމަށާއި، ވަޒީފާގެ ޒިންމާ އަދާކޮށްގެން ނޫސްވެރިން ޖަލަށް ލައިގެން ނުވާނެ ކަމަށެވެ. މިއީ މިނިވަން މީޑިއާ އަށް ދެވުނު ވަރުގަދަ ހަމަލާއެއްގެ އިތުރުން، ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ދެވުނު އިންޒާރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ވިދާޅުވުމުގައި އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަން މިކަމުން ހާމަވާ ކަމަށެވެ. އަދި ޝަހްޒާން އާއި ލީވާން ވަގުތުން މިނިވަން ކުރުމަށް ވެސް ޝާހިދު ވަނީ ގޮވާލައްވާފަ އެވެ.
ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ޝަހްޒާން 15 ދުވަހަށް ޖަލަށް ހުކުމްކުރީ ރައީސް މުއިއްޒު އާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރެއްގެ ވާހަކަ ނޫހުގައި ލިޔުމާ ގުޅިގެންނެވެ.
މި ދެ ނޫސްވެރިންގެ މައްސަލަ ވެސް ގުޅިފައި ވަނީ "އަދަދު" ނޫހުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީ ގައި ރައީސް މުއިއްޒަށް ކުރާ ސީރިއަސް ތުހުމަތުތަކާ އެވެ. އެ ތުހުމަތުތަކުގެ ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ވަނީ އެންމެހާ ދިވެހިރައްޔިތުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ. މި އަމުރާ ގުޅިގެންނާއި ނޫސްވެރިންނަށް ކުރި ހުކުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށާއި ކޯޓަށް ފާޑުކިޔަމުންނެވެ.