އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މަޖިލީހަށް ހުށަަހަޅުއްވައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި އެވެ. 

'އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސޯޑަރ'، (އޭޑީއެޗްޑީ) ގެ ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ބޭސްކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އާއި 'މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މަޖިލީހަށް ހާޒިރުކޮށްދިނުމަށް މެންބަރު ކުޑޫ ވަނީ އެދިވަޑައިގެންފަ އެވެ. 

މަޖިލީހުގެ ރައީސްއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ރާއްޖޭގައި 'އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސޯޑަރ' (ADHD) ތަހައްމަލުކުރަމުންދާ ކުދިންނަށް ފަރުވާދިނުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައިވާ ADHD އަށް ދެވޭ އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ފަރުވާ ކަމުގައިވާ މެތައިލްފެނިޑޭޓް (Methylphenidate) ރާއްޖެއިން ފަސޭހައިން ލިބެން ނެތުމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން މިހިނގަނީ ކިހިނެއް ވެގެންތޯ ސާފުކޮށްދެއްވުމަށްޓަކައި، ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އަދި މިކަމާއި ގުޅުން ހުރި އިދާރާކަމަށްވާ، 'މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި 2023 ވަނަ އަހަރުގެ އަސާސީ ބޭސްތަކުގެ ލިސްޓު (އީ.އެމް.އެލް) މުރާޖައާކުރުމުގެ މަރުހަލާ އަދި މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ކޯ ކޮމިޓީގެ މެންބަރުންނާއި، އެހީތެރިކަން ފޯރުކޮށްދެއްވި ފަންނީ މާހިރުން ރައްޔިތުންގެ މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީއަށް ހާޒިރުކޮށްދެއްވައި މިކަމުގައި ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ކުޑޫ ވަނީ އެދިވަޑައިގަންނަވާފަ އެވެ.

ނަމަވެސް ކުއްލި ގޮތަކަށް ރައީސް މުއިއްޒު ވަނީ އެޓެންޝަން ޑެފިސިޓް ހައިޕަރ އެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި، ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއްކަމަށްވާ މިތައިލްފެނިޑޭޓް ލިބޭނެ ގޮތް ހަމަޖެއްސުމަށް ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިސްލާޙްގެންނެވުމަށް ޤަރާރަކުން ކަނޑައަޅުއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާމެދު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 4-3 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، އެ ޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް (Methylphenidate) އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި އެ ބޭސް ހަމަޖެއްސުމަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާކަމަށް، 11 މޭ 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި ފާސްކުރައްވާފައިވާތީ އެވެ.

ރައީސް މިގޮތަށް ނިންމެވި އިރު، މިދިޔަ މަހުގެ 23 ވަނަ ދުވަހު މެންބަރު ކުޑޫ އޮތީ މި މައްސަލަ ހުށަހަޅުއްވާފަ އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލް އޮންނަ ޕީއެންސީގެ ސުޕަރމެޖޯރިޓީ މަޖިލީހުން މިކަމަށް އެއްވެސް އެއްބާރުލުމެއް ދީފައި ނުވެ އެވެ. 

ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 3-4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަންފަށާފަ އެވެ. އެހެންކަމުން މި އިޞްލާޙާއެކު، އޭ.ޑީ.އެޗް.ޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހިރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.