އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ނަތީޖާއާއި އެ ޕާޓީގައި ދެމިހުރުމާ ގުޅުމެއް ނެތްކަމަށާއި، ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ހުންނާނީ އެމްޑީޕީގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

ދ. ކުޑަހުވަދޫގައި ހުންނަވައި ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މީކާއިލް ވިދާޅުވީ، މި ދަތުރުގައި ވަރަށް ގިނަ ރަށްރަށަށް ދެވުނު އިރު، ހުރިހާ މެންބަރުންވެސް ކުރަމުންދާ އެއް ސުވާލަކީ އެމްޑީޕީ މި އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތުން އެމަނިކުފާނު ދެމި ތިބޭނެތޯ ކުރާ ސުވާލުކަމަށެވެ. އެމްޑީޕީގެ ހަޔާތުގައި ވިހި އަހަރު ވެގެންދާއިރު، މި ސުވާލު އެމްޑީޕީގެ އާންމު މެންބަރުން ކުރަންޖެހޭ ކަމެއްވެސް ފުރަތަމަ ކަމަކަށް ވަރަށް ހިތާމަހުރި ކަމެއްކަމަށް މީކާއިލް ވިދާޅުވި އެވެ.

މި ދަތުރުގައި ފާހަގަވި ދެވަނަ ކަމަކީ، އެމްޑީޕީގެ މެންބަރުން ދެހާސް އަށާވީސް އަންނަން ވާއިރަށް، އެމްޑީޕީގެ އެއްބައިވަންތަކަން، ހަމަހަމަކަން، އަދި އިންސާފުވެރިކަން ބާއްވަން ބޭނުންވާ ވަކި ކޮޅަކަށް ބުރަނުވެހުރި ނިއުޓްރަލް ޗެއަރޕާސަނެއް އެމްޑީޕީގެ މެންބަރުން އިންތިޚާބު ކުރަން ބޭނުންވާކަން ފާހަގަވާކަމަށް މީކާއިލް ވިދާޅުވި އެވެ.

އެމް.ޑީ.ޕީގެ މެންބަރުން 2028 އަންނަން ވާއިރަށް، އެމް.ޑީ.ޕީގެ އެއްބައިވަންތަކަން، އެމް.ޑީ.ޕީގެ ހަމަހަމަކަން، އެމް.ޑީ.ޕީގައި ޤާއިމުކުރަން ބޭނުންވާ އިންސާފުވެރިކަން ބާއްވަން ބޭނުންވާ އަދި ވަކި ކޮޅަކަށް ބުރަނުވެހުރި، ނިއުޓްރަލް ޗެއަރޕާސަނެއް އެމް.ޑީ.ޕީގެ މެންބަރުން އިންތިޚާބު ކުރަން ބޭނުންވާކަން. އެހެންވީމާ، މި ދަތުރުން އަދި ޚާއްޞަކޮށް ކުޑަހުވަދޫން އަޅުގަނޑުމެންނަށް މި ލިބުނު ހޫނު މަރުހަބާއަށް ކުޑަހުވަދޫގެ ޢާއްމު އެމް.ޑީ.ޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އަޅުގަނޑުމެންނަށް މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތް ވާހަކަ އެމް.ޑީ.ޕީގެ ހުރިހާ ޢާއްމު މެންބަރުންނަށް ދަންނަވާލަން. 
މީކާއިލް އަހުމަދު ނަސީމް

މި ދަތުރުން އަދި ޚާއްޞަކޮށް ކުޑަހުވަދޫން ލިބުނު ހޫނު މަރުހަބާއަށް ކުޑަހުވަދޫގެ އާންމު އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވަމުން މީކާއިލް ވިދާޅުވީ، މި އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮންނަކަމަށެވެ.

އަދި މީކާއިލް ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. އޭނާ ވިދާޅުވީ، މި ދަތުރު ކުރިއަށްދާއިރު، ދިވެހިރާއްޖޭގެ ނޫސްވެރިން އަދަދު ނޫހުގެ 2 ނޫސްވެރިޔަކަށް ކްރިމިނަލް ކޯޓުން ހުކުމްކޮށް، އަދި ޖޫރިމަނާ ކުރުމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގައި ތަޅުއަޅުވަން، ރައީސް މުއިއްޒު ސިލްސިލާ ގޮތެއްގައި ކުރައްވާ ފަނޑިޔާރުގެއެއް އަތްބާނައިގެން ކުރައްވާ ސިލްސިލާ ހަރަކާތެއްކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދެވުނަސް، ދިވެހިރާއްޖޭގައި މި ވަގުތު ހާލަތު އޮތީ، ދިވެހިން ތިބީ ނޫސްވެރިކަމުގެ މިނިވަންކަންވެސް އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ދޫކޮށްލާ ގޮތަކަށް ނޫންކަމަށް މީކާއިލް ވިދާޅުވި އެވެ. ފަނޑިޔާރުގެއަށް އަތްބާނައިގެން، ކްރިމިނަލް ކޯޓުން ވަކި އަމުރެއް ނެރެގެން، ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ އަސާސީ ހައްޤުތައް، މަދަނީ ހައްޤުތައް، އިންސާނީ ހައްޤުތައް ނިގުޅައިގަނެވޭނެ ކަމަށް ރައީސް މުއިއްޒު ހީފުޅުކުރެއްވުމަކީ މޮޔަ ހީއެއްކަމަށް މީކާއިލް ވިދާޅުވި އެވެ.